ގދ. ތިނަދޫ ކައުންސިލުން އެރަށުގެ އާބާދީގެ އަސްލު އޮޅުވާލި މައްސަލަ، ޕްރޮސިކުޓާ ޖެނެރަލްގެ އޮފީސް، ޕީޖީން ބަލައިގެންފި އެވެ.
ފުލުހުން ވަނީ، 2024 ވަނަ އަރުން ފެށިގެން، ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކޮށްފަ އެވެ.
އެގޮތުން މި މައްސަލަ އަކީ، ތިނަދޫ ކައުންސިލުން އެރަށަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް ދައުލަތުގެ ކަމާއިގުޅުން ހުރި އިދާރާތަކަށް އެ ރަށުގެ އާބާދީއާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށްވީ އިރު، މި މަހުގެ 10 ވަނަ ދުވަހު ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވަނީ މި މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ.
މޭޔަރު ސައުދު، ކަންކަން އޮޅުވާލި ކަމަށް ކުރާ ތުހުމަތު ދޮގު ކުރައްވާފައިވީ ނަމަވެސް، ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ، މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ހަފުތާގައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މީގެ އިތުރުން ޕީޖީން ވަނީ، މިހާރު ދައުވާކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މައްސަލަ ދިރާސާކުރަމުންދާ ކަމަށް ބުނެފަ އެވެ. އަދި މައްސަލާގައި އަޅާ ފިޔަވަޅުތައް ހާމަކުރަމުންދާނެ ކަމަށްވެސް ޕީޖީން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ 2024 ވަނަ އަހަރު، ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީ (އެލްޖީއޭ) އަށް ވެސް ހުށަހަޅުއްވައިފައެވެ.
އެގޮތުން، އޭރު މަޖިލީހަށް މެންބަރު ސައުދުﷲ ހުށަހެޅުއްވި މައްސަލައިގައި ވަނީ، ތިނަދޫގެ އާބާދީގައި 10،150 މީހުން ހަމަވާ ކަމަށް ބުނަނީ އޮޅުވާލައިގެން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަދި އެކަން އެގޮތަށް ކުރީ ތިނަދުއަށް އިންތިހާބުވި ކައުންސިލަރުން މޭޔަރުންނަށް ވުމުގެ ބޭނުމުގައާއި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތިނަދޫ ސިޓީއަކަށް ހައްދަވާނެ ކަމަށް ވައުދުވެވަޑައިގެންނެވިފައި އޮތުމުގެ ސަބަބުން ކަމަށްވެސް މެންބަރު ސައުދުﷲ ވަނީ ތުހުމަތުކުރައްވާފަ އެވެ.
ތިނަދޫ ސިޓީއަކަށް ހަދާފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންތެރޭގައި ކުރީގެ ރައީސް ސޯލިހު، 2023 ވަނަ އަހަރުގެ އޮގަސްޓް 30 ގައި ކަމަށްވީ އިރު، މިހާރުގެ ސަރުކާރުން ވެސް ވަނީ އެކަން އެގޮތަށް ބާއްވަން ނިންމައިފައެވެ.