ޗައިނާ އޮތީ ރާއްޖޭގެ ތަރައްގީއަށް އެހީވުމަށް ތައްޔާރަށްކަމަށް އިގްތިސާދީ ތަރައްގީއާއި، ދަތުރުފަތުރާއި، ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ހައިނާން ޕްރޮވިންސްގެ ގަވަރުނަރ ލިއު ޝިއޯމިންއާ ބައްދަލުކުރައްވައި، ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކާއި ގުޅޭގޮތުން ވަޒީރު ސައީދު އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ އިގްތިސާދީ އެއްބާރުލުން ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާކަމަށެވެ.
އެގޮތުން، މި ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ، ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމުކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފް.ޓީ.އޭ) ދަށުން ލިބިދޭ ފުޅާ ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ދެ ގައުމު ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތައް ފުޅާކުރުމާ ގުޅޭގޮތުން ކަމަށް ވަޒީރު ސައީދު ވިދާޅުވި އެވެ.
ވަޒީރު ސައީދު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާގެ ބެއިޖިންއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެމަނިކުފާނާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ވެވުނު އެއްބަސްވުންތަކުގެ މައްޗަށް ބިނާކޮށް، ރާއްޖޭގެ ތަރައްގީގައި އިސްކަންދޭ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ ސަރުކާރުން ތައްޔާރަށް އޮތްކަން ހާމަކޮށްފައިވާތީ، އެކަމާ މެދު އުފާފާޅުކުރައްވާ، އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ވަޒީރު ސައީދު ވަނީ ހައިކެން ގްރޫޕް ޕްރޮޑަކްޓް އެގްޒިބިޝަން ހޯލަށް ޒިޔާރަތްކުރައްވައި، ހައިނާން ސްޓޭޓް ފާމްސް އިންވެސްޓްމަންޓް ހޯލްޑިންގ ގްރޫޕުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މެންގް ޝިއާއޯލިއަންގް އަދި އިސްވެރިންނާ ވެސް ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ސަރަހައްދީ ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖެއިން ހައިނާންއަށް މަހުގެ ބާވަތްތައް އެކްސްޕޯޓްކުރާ މިންވަރު އިތުރުކުރުމާ ގުޅޭގޮތުން ކަމަށް އިގްތިސޯދީ ވުޒާރާއިން ބުނެ އެވެ.
ޗައިނާއަކީ އިގްތިސޯދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމެއް ކަމަށްވީ އިރު، ތަފާތު މަޝްރޫއުތަކުގައި އެހީތެރިވުމުގެ އިތުރުން އިންސާނީ އަދި އެހެނިހެން ވަސީލަތްތައް ތަރައްގީކުރުމަށް އެ ގައުމުން ރާއްޖެއަށް އެހީތެރިވެދެއެވެ.