އިންޖިނިއަރިންގ ދުވަސް ފާހަގަކުރުމުގެ ގޮތުން، ހައުސިންގ މިނިސްޓްރީން އެ ދުވަހަށް ޚާއްޞަކޮށްގެން ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އިންޖިނިއަރިން ދުވަހަކީ އޮގަސްޓް މަހުގެ 30 އަށް ވާއިރު، އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ކަމަށެވެ. މި ހަވީރު އޮންނާނީ 16:00އިން 18:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ، މި ހަރަކާތަކީ ރާއްޖޭގެ އުމްރާނީ އަދި އިގްތިސާދީ ތަރައްގީއާއި ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާއާއި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ކުޑަކުދިން އަހުލުވެރިކުރުވައި، ޒުވާން ޖީލުގެ މެދުގައި މި ދާއިރާއަށް ހުރި ޝައުގުވެރިކަން އިތުރުކުރުމުގެ މައިގަނޑު މަގްސަދުގައި ބާއްވާ ހަރަކާތެއް ކަމަށެވެ.

މި ކުޑަކުދިންގެ ހަވީރުގައި އިންޖިނިއަރިންގ ދާއިރާއާ ގުޅުންހުރި ދައުލަތުގެ މުހިންމު މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚާއްޞަ ސްޓޯލްތަކެއް ފެނިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަކީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ)އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)އާއި، އައިލޭންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (މޯލްޑިވިއަން)އާއި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް / ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ)އެވެ.

ހައުސިން މިނިސްޓްރީން ބުނީ، މި ސްޓޯލްތަކުގެ ޒަރީއާއިން އިންޖިނިއަރިންއާ ގުޅުންހުރި ތަފާތު އިލްމީ އަދި މަޖާ ހަރަކާތްތައް އަމަލީގޮތުން ތަޖުރިބާކޮށް، އެ މުއައްސަސާތަކުގެ އިންޖިނިއަރުން ކުރަމުންދާ އަގުހުރި މަސައްކަތްތަކުގެ މަޢުލޫމާތު ހޯދުމުގެ ފުރުސަތު ކުޑަކުދިންނަށާއި އާންމު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، އިންޖިނިއަރިންއަށް ދަރިވަރުންނަށް އަހުލުވެރިކުރުވުމަށް ހާއްސަކޮށްގެން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސައިޓް ވިޒިޓް ތަކެއް ބޭއްވުމަށް ރާވާފައީވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މި ސައިޓް ވިޒިޓްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ރާއްޖޭގެ އެކި އަތޮޅުތަކުގައި ސައިޓް ވިޒިޓްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު ކޮންމެ އަތޮޅެއްގެވެސް މަދުވެގެން ދެ ރަށެއްގައި އެ ރަށެއްގައި ކުރިއަށްގެންދާ މަޝްރޫޢެއްގެ ސައިޓަށް ނުވަތަ އިންޖީނުގެ އަށް ދިއުމަށް ވަނީ ރޭވިފައިވާ ކަމަށެވެ. އަދި އެތަނަށް ގޮސް، އެ މަޝްރޫޢެއްގައި ނުވަތަ އިންޖީނުގޭގެގައި އިންޖިނިއަރުންގެ ދައުރަކީ ކޮބައިކަން ކިޔައިދޭނެ ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، އެ މިނިސްޓްރީން ބުނީ، މާލޭގައި މިހާރު ކުރިއަށްގެންދާ އެއް ޕްރޮޖެކްޓް ކަމަށްވާ ތިލަމާލެ ބްރިޖް އަށްވެސް ސައިޓް ވިޒިޓް އެއް ރޭވިފައިވާ ކަމަށެވެ. މި ސައިޓް ވިޒިޓްތައް ރާވާފައި ވަނީ އެކި އުމުރުފުރާގެ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށް ކަމަށާއި، މި ވިޒިޓްތަކުގައި އިންޖިނިއަރުން އޮން ސައިޓްގައި ކުރާ މަސައްކަތްތަކާއި މިކަހަލަ މަޝްރޫއެއްގައި އިންޖިނިއަރުންގެ ދައުރު ކިޔައިދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިންޖިނިއަރިންގ ދުވަހާ ގުޅިގެން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެންމެ ޙާއްސަ ހަރަކާތަކީ އިންޖިނިއަރިންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތު ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު" ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ގައެވެ.

މި ހަފްލާގައި އިންޖިނިއަރިން ދާއިރާ އިން 10 ގިންތިއަކުން އެވޯޑު ދިނުމަށް ހައުސިން މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.