މާލޭގެ ގެއެއްގައި މިއަދު ހިނގި ގޭސް ލީކުވުމުގެ ހާދިސާއެއްގައި އަންހެނަކު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ގޭސް ލީކުވުމުގެ ހާދިސާ ހިނގާފައި ވަނީ މ. ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ކަމަށެވެ.
ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ހެނދުނު 10:34 އެހާއިރު އެވެ.
ހާލުދެރަވެފައިވާ ދެ މީހުންގެ ތެރެއިން އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ އެކަކު މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ. މަރުވެފައި ވަނީ ދަފްތަރު ނަންބަރު ރސ. 6210/ މާލެ، ޒާހިދާ ތައުފީގު، 51އ އެވެ. އަދި ހާލު ދެރަވި 19 އަހަރުގެ އަންހެން މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިދިޔަ ހޯމަ ދުވަހު ވެސް މާލޭގައި ވަނީ ގޭސް ފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. އެ ހާދިސާގައި 4 ބިދޭސީއަކަށް އެކި ވަރުގެ އަނިޔާވީ އިރު 2 މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފައިވެ އެވެ.