އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން އިސްތިއުފާ ދެއްވައިފިއެވެ.

މިކަންހާމަކުރައްވާ އެމްޑީޕީގެ ޗެއަރޕާސަން މުހައްމަދު ނަޝީދުއަށް ފޮނުއްވި ސިޓީއެއްގައި ހިސާން ވިދާޅުވީ އެެމްޑީޕީގެ އަސާސީ ޤަވާއިދު މިހާރު އޮތް ގޮތުން، ޕާޓީގެ ނައިބު ރައީސްގެ މަޤާމަކީ ޕާޓީގެ ޢާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ މަޤާމެއް ނޫން ކަމަށެވެ. އަދި އެއީ، ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް، ޤައުމީ މަޖިލީހުގެ ރުހުމާއެކު ޢައްޔަނުކުރެވި މަޤާމެއް ކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އެކަމަނާއަކީ އެމްޑީޕީގެ އެއިރުގެ ޕާޓީގެ ރައީސްގެ އިސްނެންގެވުމަށް އެ މަޤާމަށް ޢައްޔަނުކުރެވުނު ފަރާތެއް ކަމަށެވެ. އަދި އެ މަޤާމުގެ ޙައިޞިއްޔަތާއި މެންޑޭޓް ގުޅިފައިވަނީ އެކަމަނާގެ ނަން ހުށަހެޅުއްވި ޕާޓީގެ ރައީސްގެ މެންޑޭޓާ ކަމުގައި ހިސާން ވިދާޅުވިއެވެ.

އެހެންކަމުން ޕާޓީގެ ރައީސް މަޤާމުން އިސްތިޢުފާ ދެއްވުމުން، ޑިމޮކްރެސީގެ ރިވެތި އުޞޫލުތަކާއި ހަމަތަކަށް ރިޢާޔަތްކުރާއިރު، އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަޤާމުގައި އެކަމަނާ ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަކަށް ނުދެކޭ ކަމަށް އެކަމަނާގެ ސިޓީގައި ވިދާޅުވިއެވެ. އެގޮތުން މިއަދުން ފެށިގެން އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމުން އެކަމަނާ އިސްތިޢުފާ ދީފައިވާ ކަމަށް ހިސާންގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

އަދި އެ ޕާޓީގެ ރަސްމީ މަޤާމެއްގައި އެކަމަނާ ނެތް ކަމުގައި ވީނަމަވެސް، ޕާޓީގެ ޢާންމު މެންބަރެއްގެ ޙައިޘިއްޔަތުން ޕާޓީގެ ކުރިއެރުމަށާއި އެ ޕާޓީއަށް ޚިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ޕާޓީގެ ލީޑަރޝިޕަށާއި، އެންމެހައި ލޮބުވެތި މެންބަރުންނަށް އެކަމަނާ ވަނީ އަރުވާފައެވެ.

މީގެ އިތުރުން ހިސާން ވަނީ އެމްޑީޕީގެ ނައިބު ރައީސްގެ މަޤާމުގައި ޚިދުމަތްކުރުމަށް ލިބުނު ފުރުޞަތުގައި ޕާޓީގެ އެންމެހައި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

ހިސާން އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާ އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު އިސްތިއުފާދެއްވީ މި މަހުގެ 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ.