ޑޮލަރުގެ އަގު މަތިވާ ވާހަކަ ބުނީމަ ޖަލަށްލާ ހިސާބުގައި ގައުމުގެ ހަލަތު ހުރި ކަމަށް ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މައުރޫފް މިހެން ވިދާޅުވީ، މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮލަރުގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.
މައުރޫފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ފާސްވެފެން ދިޔަ އެއްވެސް ބިލަކީ އެއްވެސް ވަރަކަށް ކަމާ ގުޅުން ހުރި ފަރާތްތައް ހާޒިރު ކުރެވި މަޖިލީހުގެ ޕްރޮސެސް ކޮމެޓީތަކުގެ އެ އޮންނަ ޑިއު ޕްރޮސެސް އެންމެ އެކަށިގެންވާ ގޮތުގަ ކުރިއަށް ގެންގޮސްގެން ހިންގާފައިވާ ބިލްތަކެއްގެ ގޮތުގައި ވިދާޅުވެވެން ނެތް ކަމަށެވެ.
އެންމެ ބޮޑު ކަންބޮޑު ވުމެއްގެ ގޮތުގައި މައުރޫފް ފާހަގަކުރެއްވީ، ރައްޔިތުންގެ ދިރިއުޅުމާއި ގުޅިފައިވާ އިގްތިސާދާއި، މާލީ ސިޔާސަތު އެއްކޮށް ދަށަށް ދިއުމެވެ. އެގޮތުން މައުރީފް ވިދާޅުވީ، ރައްޔިތުންގެ އާންމު ހާލަތު ވަރަށް ބޮޑަށް ދަށަށްދާ ކަމަށެވެ.
މައުރީފް ވިދާޅުވީ، ސަރުކާރުން ބޭރު ފައިސާގެ ގާނުނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަންގަމުންދާ ކަމަށެވެ.
ސަރުކާރުން ގެނައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމް އިންޑަސްޓްރީ ފުނޑުފުނޑުވެގެންދާނެކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ، މިފަދަ ފިޔަވަޅެއް ސަރުކާރުން އަޅަން ނިންމާފައިވާއިރު ސަރުކާރަށް ރެކޯޑު މިންވަރަކަށް ޑޮލަރުން އާމްދަނީ ލިބިފައިވާ ކަމަށެވެ.
ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެ ބަދަލު އިއްޔެ މަޖިލީހުން ވަނީ ގެނެސްފަ އެވެ. އަންނަ އޮކްޓޯބަރުން ފެށިގެން އެ އަދަދަށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ.