ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް، ވީހާވެސް ފުޅާ ދާއިރާއެއްގައި އެފުރުސަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުމަށް ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު 7 ދާއިރާ އަކަށް ހުޅުވާލައިފިއެވެ.

އެގޮތުން ފުރުސަތު ހުޅުވާލާފައިވަނީ، ހެންވޭރު އުތުރު ދާއިރާ، މިލަންދޫ ދާއިރާ، ވެލިދޫ ދާއިރާ، ތުޅާދޫ ދާއިރާ، ފެލިދޫ ދާއިރާ، މުލަކު ދާއިރާ، ނިލަންދޫ ދާއިރާ، އަދި ގުރައިދޫ ދާއިރާގެ ރައްޔިތުންނަށެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ، "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވުމަށް ބޭނުންވާ މީހުން، އެ އޮފީހުގެ ވެބްސައިޓްގައި އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް https://rayyithungeadu.presidency.gov.mv/ މެދުވެރިކޮށް އަންނަ ހޯމަ ދުވަހުގެ ރޭ 12:00 ގެ ކުރިން ނަން ނޯޓުކުރުމަށް އެދިފައެވެ.

"ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލު، ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.

މި އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ރައީސް ވަނީ، މިހާރަށްވުރެވެސް ބޮޑަށް، ސީދާ ރައްޔިތުންނާ ބައްދަލު ކުރައްވައިގެން ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުސަތު ފަހިވާ ފަދަ ޕްރޮގްރާމެއް ދާދި އަވަހަށް ފަށްޓަވާނޭކަން އިއުލާންކުރައްވާފައެވެ.