ޔުޓިލިޓީ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ފަރާތްތަކަށް ލައިސެންސްދިނުމަށް ނިންމާފައިވާކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)އިން ބުނެފިއެވެ.

މިކަންހާމަކޮށް ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޑިރެކްޓަރ ޔުޓިލިޓީ މެނޭޖްމަންޓް، އަލީ މިޝާލް ވިދާޅުވީ ކަރަންޓާއި، ފެނާއި, ނަރުދަމާ އަދި ކުނީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ދިވެހިންނަށް ލައިސެންސާއެކު މަސައްކަތްކުރެވޭނެ މަގުފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލައިސަންސްދިނުމުގެ މަޤްސަދަކީ، އެ ދާއިރާތަކުން ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކަން ކަށަވަރުކުރުން ކަމަށްވެސް މިޝާލް ވިދާޅުވިއެވެ. އެގޮތުން މިހާރު ކަރަންޓުގެ ދާއިރާގައި މަސައްކަތްކުރާ މީހުން ދެނެގަނެވޭނެ ނިޒާމެއް ޤާއިމްކޮށްފައިވާ ކަމަށްވެސް މިޝާލް ވިދާޅުވިއެވެ.

މީގެ އިތުރުން މިޝާލް ވިދާޅުވީ ފެނާ ނަރުދަމާ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުންނަށް ލައިސެންސް ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި ހަމައެއާއެކު، ކުނީގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް މީހުން ދެނެގަތުމަށް އެކުލަވާލަންޖެހޭ ކަންކަމާއި، ފަރުމާކުރުމުގައި އުޅޭ މީހުންނަށްވެސް ލައިސަންސްދެވޭގޮތަށް ކަންކަން ހަމަޖައްސަމުން އަންނަ ކަމަށެވެ.