ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 10 ވަނަ އެޑިޝަން ބާސެލޯ ނަސަންދުރައިގައި އިއްޔެ ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގެ ހަރަކާތްތައް މާދަމާގެ ނިޔަލަށް ކުރިއަށްދާނެއެވެ. ވިޒިޓް މޯލްޑިވްސް އިން ބުނީ ޓީޓީއެމްގެ 10 ވަނަ އެޑިޝަންގައި މި އަހަރު 130 އަށް ވުރެ ގިނަ ރިސޯޓް ހޮޓެލް އަދި ރާއްޖޭގެ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށް ވުރެއިން ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވާ ކަމަށެވެ.
މިގޮތުން މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލްއަޤްވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި މަންސައެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.
މި ފެއާގެ އެގްޒިބިޓަރެއްގެ ގޮތުގައި ޓީޓީއެމްގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން ވީއެމްސީން ބައިވެރިވެއެވެ. މި ހަރަކާތުގެ ތެރެއިން ޚާއްޞަ ލައުންޖެއް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން، ޑީއެމްސީތައް، އެއާލައިންތައް އަދި މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެ ކޯޕަރޭޝަނުން ބުނީ ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަޤްވާމީ ބާޒާރުތަކާ ރާއްޖެ ގުޅުވައިދިނުމުގައާއި، ސިނާޢަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށެވެ.
އެ ފެއަރ ނިންމާލުމުގެ ގޮތުން ބާއްވާ "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ" ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
މިގޮތުން އެ ހަފުލާގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑް ދޭނެއެވެ.