ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ގުޅިފަޅާއި ތިލަފުށި ގުޅުވައިލާ ތިލަމާލެ ބުރިޖުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތަށް އިޝާރަތްކުރައްވާ ޕީއެސްއެމުން ގެނެސްދޭ 'ނޭޝަން ޗެޓް' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވެވަޑައިގެން މަޝްވަރާކުރައްވަން ލިބިވަޑައިގަތް ފުރުސަތުގައި ތިލަމާލެ މަޝްރޫއު ހަލުއިކަމާއެކު ކުރިއަށްގެންދަވައި ނިންމަވައިލެއްވުމަށް ވިލަރެސްކުރުމަށް ދެ ގައުމުގެ މަތީ ފަންތީގެ ކޮމިޓީއެއް އެކުލަވައިލެއްވުމަށް ހުށަހެޅުއްވި ކަމަށެވެ. އަދި އިންޑިޔާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު އެގައުމުގެ ސަރުކާރުންވެސް މަޝްރޫއު ހަލުއިކުރުމަށް އިސްކަންދިންކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ހައުސިން މިނިސްޓްރީން މި މަޝްރޫއަށް ދެމުންއައި ސަމާލުކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ އެ މަނިކުފާނު ބޭނުންފުޅުވީ ސިނަމާލެ ބުރިޖުގެ މަސައްކަތުގައި ދިން ސަމާލުކަން މި މަޝްރޫއަށްވެސް ސަރުކާރުން ދިނުން ކަމަށާއި ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭ މަސައްކަތް ކުރިއަށްދިޔައީވެސް އެގޮތަށްކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިގޮތުން ރައީސް ވިދާޅުވީ މިހާރު މާލެއާއި ވިލިމާލެއާ ބުރިޖުން ގުޅާލާފައިވާ ކަމަށާއި ބްރިޖްގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށްގެންދެވޭނީ ގުޅީފަޅާ ހަމައަށް ބްރިޖު ގުޅާލެވިގެން ކަމަށެވެ. އަދި އުންމީދަކީ ލަސްތަކެއް ނުވެ އާންމުންނަށް ބޭނުން ކުރަން ބްރިޖު ހުޅުވާލުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ތިލަމާލެ ބްރިޖްގެ ހުރިހާ މަސައްކަތްތަކެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދުކުރަން. ތިލަފުއްޓާހަމައަށް ގުޅާލައިގެން މުޅި މަޝްރޫޢު ނިންމާލެވޭނީ"

ރައީސް ޑރ. މުޢިއްޒު

ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖްގެ މަޝްރޫއުގެ ކޮލިޓީ ކަށަވަރު ކުރަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު "އާރޮޕް" ކުންފުނިން ކަމަށާއި އެ ކޮލިޓީގައި މި މަސައްކަތްވެސް ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ތިލަމާލެ މަޝްރޫޢުގައި މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. ހައުސިން މިނިސްޓްރީން ބުނީ ތިލަމާލެ ބްރިޖުގެ މުޅި މަޝްރޫޢުގެ މަސައްކަތުގެ %76 މިހާތަނަށް ނިމިފައިވާއިރު، މި ރަށްތައް ހުރަސްކުރަން ހަމަޖެހިފައިވާ ހައިވޭތައް ހެދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. މިނިސްޓްރީން ބުނީ މުޅި މި މަޝްރޫޢަށް 500 މިލިޔަން ޑޮލަރު ހޭދަވާނެ ކަމަށެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުންނެވެ.