އޮންލައިން ބުކިންގް ޕްލެޓްފޯމްތަކާއި، ބޭރުގެ ޓޫރް އޮޕަރޭޓަރުން އަދި ރާއްޖޭން ބޭރުގެ ޓްރެވަލް އެޖެންޓުންނާ ގުޅޭގޮތުން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާރސް (މަޓާޓޯ) އިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޓާޓޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިހާރު ހުށަހެޅިފައިވާ އިސްލާހުގެ ސަބަބުން ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ.
އެގޮތުން ދިވެހި ވިޔަފާރިތަކަށް އަސަރުކުރާ މިފަދަ ބޮޑު ބަދަލެއް ގެންނައިރު، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޓާޓޯއާއި ރާއްޖޭގެ ޓްރެވަލް އެޖެންޓުންނާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ބޭރުގެ އެތައް ހާސް ޓުއަރ އޮޕަރޭޓަރުން، ހޯލްސޭލަރުން، ރީޓޭލަރުން އަދި ޓްރެވަލް އެޖެންސީތަކުގެ ގުޅުމަށް އަސާސީ ގޮތުން އަސަރުކުރާނެ ގާނޫނެއް އެކުލަވާލާއިރު، ސިނާއަތުގެ މަޝްވަރާ ހޯދުމަކީ މި މަސައްކަތުގެ މުހިންމު ބަޔަކަށް ވާންޖެހޭނެ ކަމަށް މަޓާޓޯ އިން ބުނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ވިއްކުމުގެ ނިޒާމަކީ އޮޅުންބޮޅުން ބޮޑު ނިޒާމެއް ކަމަށާއި ރާއްޖޭގެ އެޖެންޓުން މަސައްކަތްކުރަނީ ތަފާތު މާކެޓްތަކުގައިވާ ބޭރުގެ ޓުއަރ އޮޕަރޭޓަރުން، ހޯލްސޭލަރުން، ސަބް-އެޖެންޓުން، ބެޑް ބޭންކުތައް އަދި ރީޓޭލަރުންގެ ބޮޑު ވިއުގައަކާ ގުޅިގެން ކަމަށް މަޓާޓޯ އިން ބުނެއެވެ. އެ ކުންފުނިތަކުގެ ތެރެއިން ގިނަ ކުންފުނިތަކަކީ އެކި ގައުމުތަކުގެ ފަތުރުވެރިކަން ވިއްކާ އަދި ރާއްޖޭގެ ވިޔަފާރި މަދު މިންވަރަކަށް ކުރާ ކުންފުނިތަކެއް ކަމަށްވެސް މަޓާޓޯ އިން ބުނެއެވެ.
މަޓާޓޯ އިން ބުނީ ހުށަހެޅިފައިވާ އޮނިގަނޑު ބުނާގޮތުން، ރާއްޖޭގައި ދާއިމީ އޮފީހެއް ނުވަތަ ވަސީލަތެއް ނެތް ނަމަވެސް، އެތެރެވާ ފަތުރުވެރިކަމުގެ ޚިދުމަތްތައް ފޯރުކޮށްދޭ ބޭރުގެ ފަރާތްތަކުން މީރާގައި ރަޖިސްޓްރީވާންޖެހޭ ކަމަށާއި ބޭރުގެ އެތައް ހާސް ބައިވެރިންނެއް ޓެކްސް ގަވާއިދުތަކަށް ހޭލުންތެރިކުރުވައި، ބެލެހެއްޓުމުގެ ޒިންމާ ދިވެހި އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ ކަމަށެވެ.
މިގޮތުން މި ކަންކަމުގެ ސަބަބުން ބޭރުގެ އެޖެންޓުން ރާއްޖެ އިސްތިހާރުކުރުން މަދުކޮށް، އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުމުގެ ފުރުސަތު އޮތުމުން، އޭގެ ގެއްލުން އެންމެ ފުރަތަމަ ކުރާނީ ދިވެހި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކަމަށް މަޓާޓޯއިން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު އަންނަ އޮކްޓޫބަރު މަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ނިންމާފައި ވާއިރު، ކުރިއަށް އޮތް ޓޫރިޒަމް ސީޒަނަށް ބުކިންތަކާއި ކޮންޓްރެކްޓްތައް މިހާރު ވަނީ ނިމިފައި ކަމުން މިއީ އިތުރު މާލީ ބުރައެއް އުފުލަންޖެހޭނެ ކަމެއް ކަމަށްވެސް މަޓާޓޯއިން ބުނެއެވެ. އަދި ޓެކްސް ނެގުމުގެ ބޭނުމަށް ރާއްޖޭގެ އެޖެންޓުންގެ ބޭރުގެ ވިޔަފާރި ބައިވެރިންގެ ތަފްސީލީ މައުލޫމާތު ފޯރުކޮށްދޭން ޖެހޭތީ އެކަމާ ވެސް މަޓާޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަޓާޓޯއިން ވަނީ ދައުލަތަށް އާމްދަނީ އިތުރުކުރަން ކުރާ މަސައްކަތުގައި ދިވެހި އެޖެންޓުން ގުރުބާން ނުކުރުމަށް ގޮވާލާފައެވެ.
މީގެ އިތުރުން މި އިސްލާހަށް އަމަލުކުރުން ފަސްކޮށް، ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އެކަށީގެންވާ އިންތިގާލީ މުއްދަތެއް ދިނުމަށް ސަރުކާރަށާއި މީރާއަށް މަޓާޓޯ އިން ވަނީ ގޮވާލާފައެވެ.