އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރީގެ މަޖިލީސް މެންބަރު އަދި އެންމެ ފުރަތަމަ އެމަގާމު ފުރުއްވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީ) އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

އެގޮތުން އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ޢަބްދުލްޢަޒީޒު އެ މަގާމަށް އައްޔަންކުރުމަށް ރުހުން ދިނުމަށް ފާސްކުރީ 47 މެންބަރުންގެ ވޯޓުންނެވެ.

އަދި އޭނާ އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓުދެއްވިއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވަނީ، މި މަހުގެ 23ވަނަ ދުވަހުއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު ޢައްޔަންކުރެއްވުމަށް ފޮނުވާފައިވަނީ، މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ.

ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު އުފެދުމަށް ފަހު އެންމެ ފުރަތަމަ އިންފޮމޭޝަން ކަމިޝަނަރަކަށް ޢައްޔަންކުރެއްވި ބޭފުޅާއެވެ. އޭނާ ވަނީ 2014 އިން 2019އާ ހަމައަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާނު އަދާ ކުރައްވާފައެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޢަޒީއަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަޒީ އަކީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓޭ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ.