ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ އާ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ޔާސިރު އައްޔަންކޮށްފިއެވެ.
ޔާސިރު އެ މަގާމަށް އައްޔަންކޮށްފައިވަނީ، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ޝިއުރީ، މިދިޔަ ހޯމަ ދުވަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އެގޮތުން މި ބަދަލާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނީ، ޔާސިރުގެ ލީޑާޝިޕްގެ ދަށުން އެ ކޯޕަރޭޝަންގެ މަސައްކަތްތަކަށް އާ ހިޔާލުތަކެއް ލިބިގެންދާނެ ކަމަށާއި އެންމެން ގުޅިގެން މަސައްކަތްކުރުމުގެ އާ ސަފުހާއެއް ފެށުމަށް އުންމީދުކުރާ ކަމަށެވެ.
ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ މާކެޓުތަކުގައި ރާއްޖޭގެ ހަރަކާތްތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި، ޔާސިރު އެ މަގާމާ ހަވާލުވުމާއެކު، މި މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ޔާސިރަކީ އަންޓްރެޕްރިނާޝިޕް އެސޯސިއޭޝަންގެ ފައުންޑަރު އަދި ރައީސެވެ. 1993 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަން ފެއްޓެވި ޔާސިރަކީ، ހޮސްޕިޓާލިޓީ، ކޯޕަރޭޓް މެނޭޖްމަންޓް، އިންވެސްޓްމަންޓް އަދި ޑެސްޓިނޭޝަން ޑިވެލޮޕްމަންޓް ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅެކެވެ.
މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މަގާމުތަކުގެ އިތުރުން ލަގްޒަރީ ހޮސްޕިޓާލިޓީ ބޯޑުތަކުގައާއި އަމިއްލަ ވިޔަފާރިތަކުގެ ލީޑަޝިޕްގައިވެސް މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ޖެނެރަލް މެނޭޖަރުކަމާއި، އެސިސްޓެންޓް ޖެނެރަލް މެނޭޖަރުކަމުގެ އިތުރުން ފްރަންޓް އޮފީސް މެނޭޖަރު ފަދަ އޮޕަރޭޝަނަލް އަދި މެނޭޖްމަންޓް އެކި މަގާމުތައް ހިމެނެއެވެ.