ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހުށަހަޅާފައިވާ އެޕްލިކޭޝަންތައް ވެރިފައިކުރުމުގެ މަރުޙަލާގައި ފޮނުވާ ނޯޓިސްތަކަށް ޖަވާބުދާރީވުމަށް ދީފައިވާ މުއްދަތު، 21 ދުވަހަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ބުނީ އެ އެޕްލިކޭޝަންތަކުގެ ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ދީފައިވާ ނޯޓިސްގައިވާ މައުލޫމާތު ސައްހަ ނޫން ކަމަށްވާނަމަ، އެކަމުގެ ތަފްސީލާއި ކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.

މީގެ ކުރިން އެފަދަ މައުލޫމާތުތަކާއި ލިޔެކިޔުންތައް އިސްލާހުކޮށް ހުށަހެޅުމަށް ދީފައިވަނީ ހަތް ދުވަހުގެ މުއްދަތެކެވެ.

އެޕްލިކޭޝަނާ ގުޅިގެން އަންނަ ބަދަލުތަކުގެ މައުލޫމާތު، ފޯމު ފުރިހަމަކުރިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސްއެމްއެސް މެދުވެރިކޮށް އަންގަމުންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީން އިތުރުކޮށްދިން 21 ދުވަހުގެ މުއްދަތުގެ ތެރޭގައި ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ސާފުކޮށްދިނުމާއި، ކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ފޯމު ހުށަހެޅި ފަރާތްތަކަށް ލިބިގެންދާނެއެވެ.

މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅައިފިނަމަ، އެ އެޕްލިކޭޝަނެއް ބެލެވޭނީ ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.

ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫޢުގެ ދަށުން ފޯމު ހުށަހަޅާފައިވާ ފަރާތްތަކާއި މުޢާމަލާތްކުރާނީ އެކަމަށް ޚާއްސަކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" މެދުވެރިކޮށެވެ.

މި ޕްރޮގްރާމްތަކާ ގުޅޭ މައުލޫމާތު ދިނުމަށާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިން މިނިސްޓްރީގައި ހެލްޕް ޑެސްކެއްގެ އިތުރުން ކޯލް ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. އެ ކޯލް ސެންޓަރަށް ގުޅޭނެ ނަންބަރަކީ 900-4004 އެވެ.