ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕީއައިއެމްއެސް) ހަސްފަތާލުގެ ކުޑަކުދިންގެ ވޯޑުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޕީއައިއެމްއެސްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާގެ މެސެޖު ފޮނުއްވާފައިވަނީ، އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ތުއްތު ކުދިންތަކެއްގެ ފުރާނަ ގެއްލިގެންދިޔަ އެ ހިތާމަވެރި ހާދިސާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައެވެ. އަދިއެ ހިތާމައިގެ ވަގުތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ހެޔޮ ދުޢާ ވަނީ، މި ހާދިސާގައި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ރައީސް ވަނީ އެ އާއިލާތަކަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲގެ ހަޟްރަތުގައި ދުއާ ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފަށާއި، ޕާކިސްތާނުގެ ސަރުކާރަށް އަދި އެ ޤައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައެވެ. މި ހާދިސާއާ ގުޅިގެން މިހާރު ކުރިއަށްދާ ތަހުގީގަކީ، ކުރިމަގުގައި މިފަދަ ހާދިސާތައް ހުއްޓުވުމަށް އެޅޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ޕީއައިއެމްއެސް ހަސްފަތާލުގެ ކުޑަކުދިންގެ ވޯޑުގެ ނާސަރީގައި ހުރި އެއަރ ކޮންޑިޝަންއެއްގެ ކޮމްޕްރެސަރު ގޮވައިގެން އެ އަލިފާނުގެ ހާދިސާ ހިނގިއިރު އެ ނާސަރީގައި އެވަގުތު 16 ތުއްތު ކުދިން ތިއްބެވެ. އެތަނުން ސަލާމަތް ވެފައި ވަނީ އެންމެ ކުއްޖެކެވެ.