ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރަކަށް ޝައްމޫން ހަމީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަނުގެ މެންބަރު ސަމާއު އަހުމަދު ނަޖީބުގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެވެ. އެގޮތުން އެ މަގާމަަށް ކުރިމަތިލާން ހުޅުވައިލުމުން ކުރިމަތިލެެއްވި ބޭފުޅުންގެ ތެރެއިން ސަމާއުގެ ނަމާއި ޝައްމޫނުގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިިލީހަށް ފޮނުއްވާފަ އެވެ.
މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން އެ ދެ ބޭފުޅުންނާ އިންޓަވިއުކޮށް، އެކުލަވާލި ރިޕޯޓް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅި އިރު ޝައްމޫނަށް 92 މާކްސް ދިން އިރު ސަމާއުއަށް ދިނީ 86 މާކުހެވެ.
ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް، މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ޝައްމޫނަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 57 މެންބަރުންގެ އިއްތިފާގުންނެވެ.
އަދި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓަށް ކުރި ބަހުސްގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވީ ކޮމިޓީން 92 މާކްސް ދީފައިވާ ބޭފުޅާ ކިޔަވާ ވިދާޅުވެފައި ވަނީ މިއުޒިކްގެ ދާއިރާއިން މާސްޓާސް ކަމަށެވެ. އަދި 86 ޕަސެންޓް ލިބުނު ބޭފުޅާ ކިޔަވާ ވިދާޅުވެފައި ވަނީ ހިއުމަންރައިޓްސް ލޯ އިން ކަމަށެވެ.
އެގޮތުން އެ ވާހަކަ އަށް ރައްދު ދެއްވައި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވީ ކޮމިޓީން މާކްސް ދިނުމުގައި ގުޅުން ހުރި ދާއިރާއިން ހާސިލުކޮށްފައިވާ ތައުލީމަށް ދެނީ 20 ޕަސެންޓް ކަމަށާއި، ދެން ހުރި އެހެން ދާއިރާތަކުންވެސް މާކްސް މަދުވެދާނެ ކަމަށެވެ.
ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ކޮމިޓީން މާކްސް ދެނީ ތައުލީމާއި ތަޖުރިބާ ހިމެނޭހެން ޖުމްލަ އަށް ކަމަކަށެވެ. މީގެ އިތުރުން ލިބިފައިވާ ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ދައްކައިދީފައިވާ މިންވަރަށް 15 މާކްސް އޭގެ ތެރޭގައި ހިމެނެއެވެ.
ޝައްމޫނަކީ ކުރިން ހެރިޓޭޖް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ ކަމާއި، އެޗްއާރްސީއެމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.