އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
އިނގިރޭސިވިލާތަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ކުރިން ހުންނެވީ އިރުތިޝާމް އާދަމެވެ. ނަމަވެސް މިދިޔަ އެޕްރީލް މަހު ޚާރިޖީ ވަޒީރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ އިރުތިޝާމް އައްޔަންކުރެއްވުމާ ގުޅިގެން އެމަޤާމު އޮތީ ހުސްކޮށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ފޮރިިން ސަރވިސްގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް ޖަމީލާ އައްޔަން ކުރެއްވުމަށް މަޖިލީހަށް ފޮނުއްވާފައެވެ.
މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ވަނީ ޖަމީލާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އަދި އެ ކޮމިޓީގެ ރިޕޯޓް މިއަދު މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ޖަމީލާއަށް ރުހުން ދޭން ފެންނަ ކަމަށް ވަނީ ފާސްކޮށްފައެވެ. އަދި މަޖިލީހުން ޖަމީލާއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ޖަމީލާ މި ވަގުތު ހުންނެވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް-ލާޖުގެ މަގާމުގަ އެވެ. ޖަމީލާ ވަނީ ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައެވެ. އޭގެ ތެރޭގައި އޭނާ ވަނީ ޖަރުމަނުގައި ހުންނަވާ ފުރަތަމަ ދިވެހި ސަފީރުކަން 2017 އިން 2019 އަށް ފުރުއްވައިފަ އެވެ. އޭގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ޖަމީލާ އަދާކުރެއްވިއެވެ.