ޑޮލަރު ރޭޓު ބޮޑުވަނީ މި ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ފެނިގެންދަނީ އަޅަންޖެހޭ ފިޔަވަޅުނޫން އެހެން ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން އަޅަމުންދާތަން ކަމަށެވެ.

އަމީރު ވިދާޅުވީ ސަރުކާރުން ކޮށްފައިވާ އެކި އެކި ކަންތައްތަކަށް ބަލާލާއިރު، އާންމުންނާއި ވިޔަފާރިތަކުގައި ހުރި ޑޮލަރުތައް ސަރުކާރަށް ނަގައި، ބޭންކުތަކުގައި ހުރި ލިމިޓުތައް ފޮރުވުމުގެ އިތުރުން، ރައްޔިތުންނަށް ކާޑުން މުއާމަލާތް ކުރުމަށް ދަތިކުރުވުމާއި، ފައިސާ މާރުކުރުމަކީ މަނީ ލޯންޑަރިން ކަމަށް ހެދުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޑޮލަރުން ލިބޭ އާމްދަނީ އިތުރުކުރުމަށްވެސް ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުންދާކަމަށް އަމީރު ވިދާޅުވި އެވެ.

މިސާލަކަށް ޓީޖީއެސްޓި 16 އިންސައްތަ އިން 17 އިންސައްތަ އަށް މަތި ކުރީ، ގްރީން ޓެކްސް މަތިކުރީ، އަދި އެއާޕޯޓް ފީތަށް މިހާރު ސަރުކާރުން މަތި ކޮށްފި. އެހެންވީމަ އަސްލު ވަރަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފަވެސް ބްލެކްމާކެޓުގެ އަގު ކޮންޓްރޯލް ނުކުރެވި މިދަނީ އަސްލު ސަރުކާރުގެ ސިޔާސަތުތައް ފެއިލް ވެގެން. ނުކުރާ ކަމަކީ ހޜދު ކުދަކުރުން. އެހެން ހުރިހާ ކަމެއް ސަރުކާރުން އެބަ ކުރޭ "

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އަމީރު ވިދާޅުވީ، 2.6 ބިލިއަން ޑޮލަރު ހޯދާނެ ކަމަށް 2024، 2025 އަދި މިއަރުގެ ބަޖެޓުގައިވެސް އެބައޮތް ކަމަށެވެ. ނަމަވެސް ލިބިފައިވަނީ 800 ވަރަކަށް މިލިއަން ޑޮލަރު ކަމަށް އަމީރު ވިދާޅުވި އެވެ. އަދި އެ 800 މިލިއަން ޑޮލަރަކީވެސް މިދިޔަ ސަރުކާރުން ޕްރޮޖެކްޓު ފައިނޭންސިން އަށް ސޮއިކޮށްފައިވާ އެއްބަސްވުންތަކުގެ ތެރެއިން ސަރުކާރަށް ހޯދިފައިވާ ފައިސާ ކަމަށްވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.