ޓްރެވަލް ޓްރޭޑް ޝޯ "ޓީޓީއެމް މޯލްޑިވްސް 2026" ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެއްޖެއެވެ.

އުރީދޫއިން ބުނެފައިވަނީ ރާއްޖޭގެ މުވާސަލާތީ ހިދުމަތް ދިނުމުގައި އިސްކޮށް އުޅޭ ކުންފުނީގެ ހައިސިއްޔަތުން، އުރީދޫއިން ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން މެނޭޖްޑް ސާވިސަސް، ހޯސްޓެޑް ސޮލިއުޝަންސް އަދި އެންމެ ފަހުގެ ޑޭޓާ ސެންޓަރުގެ ހިދުމަތްތައް ހިމެނޭހެން ތަފާތު ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

ޓީޓީއެމް މޯލްޑިވްސްގެ 10 ވަނަ އެޑިޝަން މި މަހުގެ 26 އިން 27 އަށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. "ޓީޓީއެމް ކަނެކްޓް މީޓިންގްސް" ބާއްވަން ހަމަޖެހިފައިވަނީ ބާސެލޯ ނަސަންދުރާގައެވެ. އަދި "ޓީޓީއެމް އެވޯޑްސް އެންޑް ގާލާ" މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ ޓްރޭޑް ޝޯގައި 120 އަށް ވުރެ ގިނަ ރިޒޯޓާއި ހޮޓަލުގެ އިތުރުން، އެންމެ ގިނައިން ފަތުރުވެރިން އަންނަ 30 މާކެޓަކުން 250 އަށް ވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވާނެއެވެ. މީގެއިތުރުން މިއަހަރުގެ އެވޯޑްތައް ލިބޭ ފަރާތްތައް އިއުލާންކުރެވި، ޓީޓީއެމް އެވޯޑްސް އެންޑް ގާލާގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފާހަގަކުރެވިގެންދާނެއެވެ.