އާމްދަނީ ހޯދަނީ ހަލާލު މަސައްކަތް ކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
އެގޮތުން އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހް ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި މާލޭ ސިޓީ ކައުންސިލްގެ ވާހަކަ ނެތް ކަމަށް ބުނެ އެމްޑީޕީން ދައްކާ ވާހަކައަށް ރައްދުދެއްވާފައެވެ. ފަލާހް ވިދާޅުވީ، ވަކި ކައުންސިލެއްގެ އޮޑިޓް ރިޕޯޓެއްގައި އެހެން ކައުންސިލްތަކުގެ ވާހަކަ ނުހިމެނޭނެކަން މަޖިލީހުގައި ގިނަ ދުވަސްވީ މެންބަރުންނަށް އެނގެންޖެހޭނެ ކަމަށެވެ.
އަދި ކޮމިޓީތަކުގައި މަސައްކަތް ކުރަންޖެހޭނެ ގޮތާއި ރިޕޯޓުތަކުގައި ކަންކަން ހިމެނޭނެ ގޮތް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ފަލާހު ވިދާޅުވިއެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ތެދުވެ ޖަމާޢަތުގައި ނަމާދުކޮށްގެން ހެނދުނުއްސުރެ ރޭގަނޑު ވަންދެން މަސައްކަތް ކުރަނީ ހަލާލު ގޮތުގައި ފައިސާ ހޯދުމަށް ކަމަށާއި ވައްކަމުގެ އެއްވެސް މައްސަލައެއް އެ ބޭފުޅުންގެ ކިބައިން ނުފެންނާނެ ކަމަށް ފަލާހް ވަނީ ވިދާޅުވެފައެވެ. ނިމިދިޔަ ސަރުކާރުގައިވެސް އެބޭފުޅުންގެ ކިބައިން އެފަދަ ކަންކަން ބަލަން މަސައްކަތްކޮށްގެން އެއްވެސް ކަމެއް ފެނިފައި ނުވާ ކަމަށް ފަލާހް ވިދާޅުވިއެވެ.
ފަލާހް ވަނީ މި ސަރުކާރުން އެއްވެސް ކަމެއް ފޮރުވަން ނޫޅޭނެ ކަމަށާއި، މިހާތަނަށް ސިޔާސީ އެއްވެސް ވާދަވެރިއަކު ޖަލަށްލައި އަނިޔާވެރިވެފައި ނުވާނެކަން ހާމަކުރައްވާފައެވެ،