ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) މެންބަރުކަމުގެ މަގާމަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން މާކްސް ދިންއިރު، އިންސާނީ ހައްގުތަކުގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅާއަށް ވުރެ ކުރި ހޯއްދަވައިގެން، މިއުޒިކުގެ ދާއިރާއިން ކިޔަވާވިދާޅުވި ބޭފުޅާއަށް އެއްވަނަ ލިބިވަޑައިގެންފިއެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މި މައްސަލަ ދިރާސާކޮށް މި މަހުގެ 20 ވަނަ ދުވަހު ނިންމައި ޝާއިއުކޮށްފައިވާ ރިޕޯޓުން އެކަން ހާމަވެ އެވެ.

މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަށް މީހުން އައްޔަންކުރުމުގައި އިންޓަވިއުކުރާ ފަރާތްތަކަށް މާކްސް ދޭ މިންގަނޑުގައި އެންމެ މަތީ މާކްސް ކަނޑައަޅާފައިވަނީ ހާސިލްކޮށްފައިވާ ތައުލީމާއި، މަގާމުގެ މަސައްކަތާ ހުރި ގުޅުން ސާބިތުކޮށްދެވިފައިވާ މިންވަރަށް ކަމަށްވީ އިރު، އެއީ 20 މާކްސްއެވެ.

ދެވަނައަށް އެންމެ ގިނައިން މާކްސް ލިބެނީ ލިބިފައިވާ ތަޖުރިބާއާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން ދައްކުވައިދީފައިވާ މިންވަރަށް ކަނޑައަޅާފައިވާ 15 މާކްސް ކަމަށްވީ އިރު، 10 މާކުހާއި 15 މާކުހުގެ އެހެން ބޭންޑުތައް ހިމަނައިގެން ޖުމްލަ 100 މާކްސްގެ މައްޗަށް މިންގަނޑު ވަނީ އެކުލަވާލާފައެވެ.

އެގޮތުން، ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން އެކުލަވާލާފައިވާ މިންގަނޑުގެ 92 އިންސައްތަ މާކްސްއާއެކު އެއްވަނަ ލިބިވަޑައިގަތީ ހ. މީނާޒް، ޝަމްއޫން ހަމީދަށެވެ. އަދި 86 އިންސައްތަ މާކްސްއާއެކު ދެވަނަ ލިބިވަޑައިގަތީ ގދ. ތިނަދޫ، އަސޭގެ، ސަމާއު އަހްމަދު ނަޖީބަށެވެ. ސަމާއުއަކީ މިހާރު ވެސް އެޗްއާރްސީއެމްގެ މެންބަރުކަމުގައި ހުންނެވި ބޭފުޅެކެވެ.

މީގެ އިތުރުން ޝަމްއޫން ހަމީދަކީ ދައުލަތުގެ ތަފާތު އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި، ހެރިޓޭޖް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ކަމާއި، އެޗްއާރުސީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް ހިމެނެއެވެ.

މި ރިޕޯޓަށް މިއަދުގެ މަޖިލިސް ޖަލްސާގައި ބަހުސްކުރައްވަމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ މާކްސް ދިނުމުގައި އިންސާފުވެރިކަމެއް ނެތް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން، ދެ ބޭފުޅުންނަކީ ވެސް ގާބިލު ދެ ބޭފުޅުން ކަމަށް ވިޔަސް، މަގާމާ ގުޅޭ ތައުލީމަށް އެންމެ މަތިން މާކްސް ދޭން އޮންނައިރު، 92 އިންސައްތަ ލިބިވަޑައިގެންނެވި ބޭފުޅާ މާސްޓާސް ހައްދަވާފައިވަނީ މިއުޒިކުގެ ދާއިރާއިން ކަން ފާހަގަކުރައްވާ ޒިޔާދު ވިދާޅުވީ، 86 އިންސައްތަ ލިބިވަޑައިގެންނެވި ބޭފުޅާ ތައުލީމު ހާސިލްކުރައްވާފައިވަނީ ޔުނިވާސިޓީ އޮފް ލަންޑަނުން ހިއުމަން ރައިޓްސް ލޯގެ ދާއިރާއިން މާސްޓާސްއަށް ކަމަށެވެ.

އަޅުގަނޑުމެންނަށް މާކްސް ދިން އިރުގައި ހިތާމައަކީ، މި ވިދާޅުވާ މަގާމާ ގުޅުން ހުރި ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމާ، މިއުޒިކަށާއި، ހިއުމަން ރައިޓްސް ލޯއާ އެއްވަރެއް، ނުވަތަ ހިއުމަން ރައިޓްސް ލޯއަށް ވުރެ ގިނައިން، މިއުޒިކަށް މާކްސް ލިބިފައި އޮތީމަ،"

ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)

ޒިޔާދުގެ ފާޑުކިޔުންތަކަށް ރައްދެއްވާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ، ދެ ބޭފުޅުންނަކީ ވެސް ވަރަށް ގާބިލު ދެ ބޭފުޅުން ކަމަށެވެ.

މީގެ އިތުރުން، މަގާމާ ގުޅޭ ދާއިރާއިން ހާސިލްކޮށްފައިވާ ތައުލީމަށް 20 މާކްސް ކަނޑައެޅިފައި އޮތް ނަމަވެސް، މުޅި ޖުމްލަ މާކްސް ބިނާވަނީ އިތުރު އެހެން ދާއިރާތަކަށް ވެސް ދެވޭ މާކްސްގެ މައްޗަށް ކަމަށާއި، ކޮމިޓީން މާކްސް ދިނުމުގައި ތައުލީމީ ބަޔަށް ފުލް މާކްސް ދިން ކަމުގައި ވިޔަސް، ދެން ހުރި ހަތަރު ފަސް ދާއިރާއަކުން ދެވޭ މާކްސްތަކުގެ ސަބަބުން ނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާ އަދި ބުއްދި ގަބޫލުކުރާ ހަމައެއް ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.