ސީރިއަން އަރަބް ރިޕަބްލިކް، ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން އުނިކުރުމަށް އެމެރިކާއިން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔައިފިއެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވަނީ ސޫރިޔާއަށް މަރުޙަބާ ކިޔާ، އެ ޤައުމުގެ ރައްޔިތުންނަށް ޞުލްޙަޔާއި، ހަމަޖެހުމާއި، ފާގަތިކަމަށް އެދިފައެވެ. އަދި މި ނިންމުމުގެ ސަބަބުން ސީރިޔާގެ ރައްޔިތުން އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ ސޫރިޔާގެ މިނިވަންކަމާއި، ސަރަޙައްދީ މިނިވަންކަމާއި، ޞުލްޙަވެރިކަމާއި، އެންމެން ޝާމިލްވާ އަދި ސޫރިޔާގެ ރައްޔިތުން އެދޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތަށް، ރާއްޖެއިން އެއްބާރުލުން ދޭނެކަން ތަކުރާރުކޮށްފައެވެ.

ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުން ސޫރިޔާ ރަސްމީކޮށް އުނިކުރުމަކީ ސޫރިޔާގައި ވުނަކުރުމަށް އޮތް އެންމެ ބޮޑު ހުރަސް ނައްތައިލުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ގައުމުގެ ސަރުކާރުން ފާހަގަކުރެއެވެ.

އެމެރިކާއިން އެކުލަވައިލާފައިވާ ނިރުބަވެރިކަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓުގައި ސޫރިޔާ ހިމަނާފައި ވަނީ 1979 ވަނަ އަހަރު ސޫރިޔާގެ ކުރީގެ ރައީސް ޙާފިޟު އަލް-އަސަދުގެ ވެރިކަމުގައެވެ.