އަތޮޅުގެ އެހެން ރަށްރަށުން ކައުންސިލް ވަޒީފާތަކަށް މީހުން ނެގޭނެ އައު އުސޫލެއް އެކުލަވާލައިފި އެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ، އާބާދީ ކުދި ރަށްރަށުގެ ކައުންސިލް އިދާރާތަކަށް މުވައްޒަފުން ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށަކުން މީހުން ނުލިބޭ ހާލަތްތަކުގައި އެ އަތޮޅެއްގެ އެހެން ރަށްރަށުން މީހުން ވަޒީފާއަށް ނެގޭނެ އައު އުސޫލެއް އާންމުކޮށްފަ އެވެ.

އެގޮތުން އެ އުސޫލުގައި ވަނީ، ކައުންސިލްތަކުގެ ފާސްކޮށްފައިވާ އޮނިގަނޑުގެ ތެރެއިން ބަޖެޓު ހަމަޖެހިފައިވާ މަގާމުތަކަށް މީހުން ހޯދުމަށް އިއުލާނުކުރާނީ މުޅި އަތޮޅަށް ހުޅުވާލައިގެން ކަމަށެވެ. އަދި ވަޒީފާއަށް ހޮވޭ މީހަކަށް އެ މީހަކު ދިރިއުޅޭ ރަށެއްގެ ކައުންސިލް އިދާރާއަށް ހާޒިރުވެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ފަހިކޮށްދޭންޖެހޭނެ ނަމަވެސް، މި ފުރުސަތު ލިބޭނީ އެ އަތޮޅެއްގެ ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށްވެސް އެ އުސޫލުގައިވެ އެވެ.

އެ އުސޫލުގައި ވާގޮތުން، އެފަދަ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް މޮނިޓާކުރާނީ އެ މުވައްޒަފަކު މަސައްކަތަށް ހާޒިރުވާ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ އެކަމަށް ކަނޑައަޅާ އިސް އޮފިޝަލެކެވެ. އަދި ވަޒީފާއަށް މީހުން ހޮވުމުގެ އިދާރީ މަސައްކަތްތައް ކުރިއަށްގެންދާނީ ސީއެސްސީ ނުވަތަ އެ ކޮމިޝަނުން ކަނޑައަޅާ އިދާރާއަކުންނެވެ.

މީގެ އިތުރުން، އެ މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން ވަޒީފާގެ އެހެނިހެން ކަންކަން ހަމަޖެހިގެންދާނީ ދައުލަތުގެ ޕޭ ފްރޭމްވަރކާއި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.