ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތިރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ވަކިވަކި ފަރާތްތަކަށް ކުރެވޭ ތުހުމަތުތަކެއްގެ ބަދަލު މުޅި ފަތުރުވެރިކަމުގެ ސިނައަތުން ހިފުމަށް މަސައްކަތް ނުކޮށް، އަދި އިގުތިސާދަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމުގެ ކުރިން، ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވާލައި، މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 18 ވަނަ މާއްދާގައި، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ހިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ މައި އިގުތިސާދީ ތަނބަކީ ފަތުރުވެރިކަމުގެ ސިނާއަތް ކަމަށްވެފައި، އެ ދާއިރާއިން ލިބޭ އާމްދަނީގެ ބޮޑު ބައެއް ހިފެހެއްޓުމަށް ސަރުކާރުން ކުއްލިއަކަށް ގެންނަން އުޅޭ ބަދަލުތަކުގެ ސަބަބުން މުޅި ސިނާއަތަށާއި ގައުމުގެ މާލީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމަށް މެންބަރު ވަނީ ފާހަގަކޮށްފައެވެ.

މެންބަރު މައުރޫފް ވިދާޅުވީ، އިގްތިސާދީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި، ބޭރު ފައިސާއާ ބެހޭ ގާނުނުގެ ދަށުން މިހާރު ކަނޑައަޅާފައިވާ ގޮތަށް ބޮލަކަށް 500 ޑޮލަރު ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން އޮންނަ އުސޫލު ބަދަލުކޮށް، ރިސޯޓުތަކަށް ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއުލާންކުރައްވާފައިވާ ކަމަށެވެ. އެގޮތުން ޑޮލަރު މާރުކުރަން ދީފައިވާ މުއްދަތު ތިން މަސް ދުވަހުން އެއް މަސް ދުވަހަށް ކުރުކުރުމަށާއި، ބޭންކުތަކަށް މާރުނުކުރާ ފައިސާ ހޭދަކުރާ ގޮތް ބެލޭނެ އުސޫލުތަކެއް އެކުލަވާލަން އުޅޭކަން ހާމަކުރައްވާފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.

މަރުކަޒީ ބޭންކުގެ މި ނިންމުމަކީ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކޮންޓްރޯލްކޮށް، އެމްއެމްއޭގެ ރިޒާވް ވަރުގަދަކުރުމުގެ ނަމުގައި އަޅަން އުޅޭ ފިޔަވަޅެއް ކަމަށް ބުނި ނަމަވެސް، މިއީ ހަގީގަތުގައި ވިޔަފާރިތައް އިނދަޖައްސާލާނެ ކަމެއްކަމަށް ޓޫރިޒަމްދާއިރާގެ އިގްތިސާދީ ތަޖުރިބާކާރުން ބުނަމުންގެންދާ ކަމަށާއި، އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ކުރެވޭނެ އަދި ދެމެހެއްޓެނިވި ކަމެއް ނޫންކަމަށް، ރާއްޖޭގައި ހިންގާ 200 ރިސޯޓުގެ ތެރެއިން 146 ރިސޯޓުގެ ތަމްސީލުކުރާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ހާމަކޮށްފައިވާ ކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެވެ.