ސަރުކާރުން ޑޮލަރުގެ އަގު ތިރިވާކަމަށް ބުނަމުންދިޔަ ނަމަވެސް އަގު ތިރި ނުވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބޭރު ފައިސާއާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިތުރަށް ދިރާސާ ކުރުމަށް އަނބުރާ މާލިއްޔާތު ކޮމިޓީ އަށް ފޮނުވުމާ ގުޅިގެން އެ ބިލު މާލިއްޔާތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއިލް ވިދާޅުވީ، ގާނޫނެއް އިސްލާހު ކުރާއިރު ގާނޫނެއް ހަދަނީ ތަންފީޒު ކުރުމުގެ ނިޔަތުގައި ކަމަށެވެ.

ނަމަވެސް، ތަންފީޒު ނުކުރެވޭނޭ ބައިތަކެއް ހިމަނައިގެން ރައްޔިތުން ހައްލާލަން، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އަދި އަނެއްކާވެސް ޑޮލަރުގެ ރޭޓު ތިރިކުރަން ސަރުކާރުން މަސައްކަތްތަކެއް ކުރާ ކަމުގެ ދަޅަދެއްކުމަށް، ދެއުޅިއެއްނުވާ، ތާކުން ތާކުން ނުޖެހޭ، ފެންނުހިފޭ އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިގެން ދާކަމީ ހިތާމަކުރައްވާ ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

ދިވެހި ރައްޔިތުންނަކީ ގަމާރުންނެއް ނޫން، ޑޮލަރުގެ އަގު ތިރިވަނީއޭ، ތިރިވަނީ އޭ ބުންޏަކަސް އަދި ތިރިއެއް ނުވޭ. މަޓީގެ އިސްވެރިން ގެނެސް މޭޒެއްގެ އެއްކޮޅަށް ޖަމާކޮށް އެމީހުންނަށް ފުކަކަށް ދިނަކަސް އަދި ޑޮލަރުގެ އަގެއް ތިރިއެއް ނުވޭ،"

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

މީކާއިލް ވިދާޅުވީ، އެ ގާނޫނުގައި އެފަދަ ދެކޮޅުނުޖެހޭ ބައެއް ހިމަނާއިރު، ރަސްމާލެ ހިއްކަން ބާރުއަޅާ ކޮންމެ ފަރާތަކަށްވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، އެކަމަށް ބާރުއަޅަ ކޮންމެ މީހަކީ، ރާއްޖޭގެ އިގްތިސޯދުގައި ޑޮލަރުގެ އަގު މައްޗައް ޖައްސަން ވާހަކަދައްކާ މީހެއް ކަމަށެވެ.

މީގެ އިތުރުން، މިއަދުގެ މަޖިލީހުގައިވެސް ވަރު ވަރުން ޑޮލަރުން މުސާރަދޭން އެމްބަސީތަކަށް މީހުން އައްޔަންކުރަން ވޯޓު ނެގިގެންދާނެ ކަން ފާހަގަކުރައްވާ މީކާއިލް ވަނީ، އެމީހުން އައްޔަންކުރަން އެއްބަސްވެ ވޯޓުލާ ކޮންމެ މެމްބަރަކީ ވެސް ޑޮލަރުގެ އަގު އުފުލަން ވޯޓުދޭ މެމްބަރެއް ކަމަށް ތުހުމަތުކުރައްވާފަ އެވެ.

މީކާއިލް ވިދާޅުވީ، ހަމައެކަނި ގާނޫނެއްގައި އަކުރެއް ލިޔެގެން ދިވެހި ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އެޅެން ނެތް ކަމަށެވެ.

ގާނޫނެއްގައި އަކުރެއް ލިޔެގެން އަދި ދިވެހި ރާއްޖޭގެ އިގްތިސޯދު ހަމަޔަކަށް އެޅޭކަށްވެސް ނެތް، ދިވެހި ރާއްޖޭގެ ޑޮލަރުގައި ކަޅު ބާޒާރެއް އޮޕަރޭޓް ކުރާ ކުރުމެއްވެސް ހުއްޓޭކަށް ނެތް، އެސްއޯއިީ ތަކުން ޕެރެލެލް މާކެޓެ ކިޔައިގެން ރީތިކޮށްގެން ކަޅު ބާޒާރުގައި ދުވާލަކު މިލިއަނުން މިލިއަނުން ދިވެހި ރައްޔިތުންގެ ފައިސާއިން ކަޓު ނެގުމުގެ ބޭނުމުގައި އެސްއޯއިީ ތަކުން ކަޅުބާޒާރުން ޑޮލަރު ގަންނަކަމަށް އިއުތިރާފުވެވަޑައިގަންނަވަން ކެރިވަޑައި ނުގެންނެވިއޭ "

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް

މީކާއިލް ވަނީ ޑޮލަރުގެ އަގު 23 އަށް އަރާފައިވާކަން ފާހަގަކުރައްވާ މީކާއީލް ވަނީ، މެމްބަރުން ޒިންމާ އަދާނުކޮށް، މަޖިލީހުގައި ރައީސް މުއިއްޒުގެ ބިޑްކުރުން ކުރިއަށްގެންދާ ނަމަ، ދެން އެ ބަހުސް ކުރާނީ ޑޮލަރުގެ އަގު 25 އަށް އަރާފަހުން ކަމަށް ވިދާޅުވެފަ އެވެ.