ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ މިދިޔަ އަހަރުގެ ނަތީޖާ ރަނގަޅު ކަމަށާއި، ބިޒްނަސް ސްޓްރީމްގެ ގިނަ މާއްދާއިން 80 އިންސައްތަ ދަރިވަރުން ފާސްވެފައިވާ ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ މިފަދައިން ވިދާޅުވީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޕްރައިޒް ޑޭ ފާހަގަކުރަމަށް މިރޭ އެ ކޮލެޖުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މުސްތަފާ ވިދާޅުވީ، ސްކޫލެއްގެ ކާމިޔާބީ ގުޅެނީ ހަމައެކަނި ކުދިންގެ ނަތީޖާތަކާ ނޫންކަމާއި، އެ ކާމިޔާބީގެ ފަހަތުގައި ސްކޫލްގައި މަސައްކަތްކުރާ މީހުންގެ އެކުވެރި މަސައްކަތައް ވެސް ހިމެނޭ ކަމަށެވެ. މިހާރު ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި ޖުމްލަ 78 ސްޓާފް މެންބަރުން މަސައްކަތްކުރައްވައެވެ. އޭގެތެރޭގައި ޕްރިންސިޕަލް، ޑެޕިއުޓީ ޕްރިންސިޕަލް އަދި އެސިސްޓަންޓް ޕްރިންސިޕަލްގެ ލީޑަރޝިޕްގެ ދަށުން 54 ޓީޗަރުން، 13 ސަބްޖެކްޓް ޓީމް ލީޑަރުން، 2 ކެރިއަރ ގައިޑެންސް ކައުންސެލަރުން، 1 އެކްޓިވިޓީ ކޯޑިނޭޓަރ، 1 ސްޓޫޑެންޓް އެފެއާރސް މެނޭޖަރ، 1 ނާރސް، 3 ލެބޯރަޓަރީ އެސިސްޓަންޓުން އަދި 3 އެޑްމިނިސްޓްރޭޓިވް އޮފިސަރު ހިމެނެއެވެ.

މުސްތަފާ ވިދާޅުވީ ކުދިންނަށް ދަސްކުރެވޭ، ތަރައްޤީކުރެވޭ އަދި ކާމިޔާބުވެވޭ މާޙައުލެއް ބިނާކުރުމަށް ކޮންމެ ސްޓާފް މެންބަރަކު މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މި އަހަރު ސްކޫލުގެ އެންރޯލްމެންޓްގައި 1290 ކުދިން ތިބި ކަމަށާއި، އެ އަދަދަށް ވުރެ މުހިންމީ ކުދިން ހާސިލްކުރާ ކާމިޔާބީ ކަމަށް އޭނާ ވިދާޅުވިއެވެ.

2025 ވަނަ އަހަރުގެ ނަތީޖާތަކަށް ބަލާއިރު، ހުރިހާ މާއްދާއެއްގައި ވެސް ކުދިން ރަނގަޅު ނަތީޖާ ހޯދިކަމުގައި މުސްތަފާ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ބިޒްނަސް ސްޓްރީމްގެ މާއްދާތަކުން އޭ ލެވެލް އަދި އައިއޭއެލް އިމްތިޙާނުތަކުގައި ރަނގަޅު ނަތީޖާ ހޯދިކަމަށާއި، ގިނަ މާްދާތަކުން ފާސްވި އިންސައްތް 80 އިން މަތިވެފައިވާކަން އޭނާ ފާހަގަކުރެވިއެވެ.

"ޚާއްސަކޮށް ބިޒްނެސް ސްޓްރީމްގެ ސަބްޖެކްޓްތައް ކުރިޔަށް ދިޔަ އަހަރުގެ އޭ ލެވެލެވެލް އަދި އައިއޭއެލް އިމްތިހާނުތަކުގައި ވެސް ރަނގަޅަށް ކުރިއެރި. އެންމެ ގިނަ ސަބްޖެކްޓްތަކެއްގައި 80 ޕަސެންޓަށް ވުރެ މަތީ ޕާސް ޕަސެންޓޭޖެއް ލިބުނު."

ޕްރިންސިޕަލް އަލީ މުސްތަފާ

މީގެ އިތުރުން މުސްތަފާ ވިދާޅުވީ، ސައިންސް ސަބްޖެކްޓްތަކުގެ ނަތީޖާވެސް އެހެން ސްކޫލުތަކާ އަޅާބަލާއިރު ރަނގަޅު ކަމަށެވެ. ނަމަވެސް ސައިންގެ މާއްދާތަކުގެ ނަތީޖާ އިތުރަށް ރަނގަޅު ކުރުމަށް އޭނާ ވަނީ ހިތްވަރު ދެއްވާފައެވެ.