ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ޝަފީޤްގެ އާއިލާއަށާއި ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިދުމަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތައުޒިޔާ ފޮނުއްވާފަ އެވެ. އަދި ރައީސް ވަނީ މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޝަފީޤް ލަހެއްޓެވުމަށް އެދި ދުޢާ ދަންނަވާފަ އެވެ.

ޝަރުޢީ ދާއިރާގައި ހިދުމަތްކުރެއްވުމުގެ އިތުރުން، ޝަފީގް، ދ. މީދޫ އާއި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަސައްކަތް، ދިގު މުއްދަތެއްގައި ކުރެއްވިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އޭނާއަކީ ދީނަށް ލޯބިކުރައްވާ، ޚުލްޤު ހެޔޮ، މުޖްތަމައުގެ އިހްތިރާމް ލިބިވަޑައިގެން ހުންނެވި ޤާރީއެއް އަދި އެދުރެއް ކަމަށެވެ.

މެޖިސްޓްރޭޓް ރިޓަޔަރޑް އަލްއުސްތާޛު ޢަލީ ޝަފީޤް ވަނީ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފަ އެވެ.