ތައުލީމީ ހަޔާތުގައި ފެއިލްވާ ކިތައްމެ ފަހަރެއްވެސް އަންނާނެ ކަމަށާއި، ނަމަވެސް އެއީ މާޔޫސްވުމުގެ ބަދަލުގައި ހިތްވަރާއި އަޒުމް އައު ކުރަންވީ ވަގުތު ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލެޕްމެންޓް ޑރ. އަހްމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޑރ. އަހްމަދު މިފަދައިން ވިދާޅުވީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ ޕްރައިޒް ޑޭ ފާހަގަކުރަމަށް މިރޭ އެ ކޮލެޖުގައި ކުރިއަށް ގެންދާ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ޑރ. އަހްމަދުގެ ތައުލީމީ ހަޔާތުގެ ތަޖުރިބާ ހިއްސާ ކުރައްވަމުން ވިދާޅުވީ، އޭނާގެ ޑިގްރީ ދުވަސްވަރުގައި ކެމިސްޓްރީ މާއްދާއިން ފާސް ނުވުމުގެ ސަބަބުން ރީސެޓެއް ހަދަން ޖެހުނު ކަމަށާއި، އެ ދުވަސް އެއީ ތައުލީމީ ދަތުރުގައި ދުވަހަކުވެސް މާއްދާ އަކުން ފެއިލް ނުވާނެ ކަމަށް އަޒުމް ކަނޑައެޅުއްވި ދުވަސް ކަމަށެވެ.

" އަޅުގަނޑުގެ ކުރިއަށް އަދި އެބައޮތޭ ޑިގްރީ ނިންމަން، މާސްޓާސް ނިންމަން އަދި އޭގެ މައްޗައް ޕީއެޗްޑީގަ ކިޔަވަން އޮތް ދަތުރުވެސް މިއޮތީ އަދި ކުރި އަށޭ. އަޅުގަނޑު އަޒުމް ކަނޑައެޅި އެއް ކަމަކީ މި ތައުލީމީ ދަތުރުގަ ދެން ދުވަހަކު ވެސް މާއްދާ އަކުން ފެއިލް އެއް ނުވާނަމޭ "

ޑރ. އަހުމަދު މުހައްމަދު

ޑރ. އަހްމަދު ވިދާޅުވީ، ތައުލީމީ ދަތުރުގައި، ތައުލީމީ ރޮނގުން ކުރިއަށް ދިއުމުގައި ހުރި އެންމެ މަތީ ހަރުފަތާ ހަމަޔަށް ވާސިލްވުމުގައި ވެސް އެ އަޒުމްގައި ކުރިޔަށް ވަޑައިގެންނެވި ކަމަށެވެ. އަދި އެ އަޒުމާ އެކު ތައުލީމީ ހަޔާތުގައި، ބޮޑެތި ކާމިޔާބީތަކާ އެކު ތައުލީމީ މަރުހަލާތައް ނިންމާލެވުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ތަޖުރިބާ ހިއްސާ ކުރައްވައި ޑރ. އަހްމަދު ވަނީ ދަރިވަރުންނަށް ހިތްވަރު ދެއްވާ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

" އަޅުގަނޑު ދޭން ބޭނުންވާ ނަސޭހަތަކީ ކިޔެވުމަކީ ހަމަ އެކަނި އިމްތިހާނަކުން ފާސްވެ އިމްތިހާނަކުން މޮޅު ނަތީޖާ އެއް ހޯދުން ނޫނޭ، ކިޔެވުމަކީ އެކިޔެވުމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ތިއިން ކޮންމެ ކުއްޖެގެ ވެސް ދިރިއުޅުން އާރާސްތު ކުރުމޭ"

ޑރ. އަހުމަދު މުހައްމަދު

މީގެ އިތުރުން ޑރ. އަހްމަދު ވިދާޅުވީ، ޓެކްނޮލޮޖީގެ އިންގިލާބީ ބަދަލުވަމުންދާ ދުނިޔެ ދަރިވަރުން ތަޖުރިބާ ކުރަމުންދާ ކަމަށާއި، ވަޒީފާގެ ބާޒާރާއި މަސައްކަތުގެ މާހައުލާށް ބޭނުންވާ ހުނަރުތަކަށް ދުވަހުން ދުވަހަށް ބަދަލު އަންނަމުންދާ ކަމަށެވެ. އެގޮތުން ތައުލީމާއި ތަމްރީނަކީ ކޮންމެ އިންސާނެއްގެ ވެސް ކާނާ ކަމަށާއި، ކޮންމެ ދާއިރާއަކުން ހިދުމަތް ކުރަން ބެލިކަމުގަ ވީނަމަވެސް ތައުލީމަކީ އެންމެ ބޭނުން ވާނެ އެންމެ މުހިން އެއްބައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.