ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ތުހުމަތު ކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ވެރިކަން ފެށުނުއިރު 17.50 ރިފިޔާ އަށްހުރި ޑޮލަރު މިއަދު 23 ރުފިޔާ ފަހަނައަޅައި މިދިޔައީ ތަންފީޒުކުރަން ފެށި ސިޔާސަތުތައް މަދުވެގެންނެއް ނޫން ކަމަށާއި، މި ސަރުކާރުން ޓީޖީއެސްޓީ، ގްރީން ޓެކްސް، އެއަޕޯޓު ފީތައް ބޮޑުކުރުމުގެ ސަބަބުން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން މި ސަރުކާރުން މަޖުބޫރުކޮށްފައިވާ ކަމަށާއި، އީ ކޮމާސް ސައިޓުތަކުން 30 ޕަސެންޓު ނަގަމުންދާ ކަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި ސަރުކާރަކަށް ޑޮލަރުން އާމްދަނީ ނުލިބޭ މިންވަރަށް މި ސަރުކާރަށް ޑޮލަރު ލިބެމުންދާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ސިފަ ކުރެއްވި ގޮތުގައި، މި ފިޔަޅުތަކަކީ ހަރަދު ކުޑަކުރުމާ އެކުއެކީގައި އަޅަން ޖެހޭ ފިޔަވަޅުތަކެކެވެ. ނަމަވެސް، ކޮވިޑުގެ ހާލަތުގައި މުޅި ދުނިޔެ ހުއްޓުނުއިރު ވެސް ރާއްޖޭގެ އިގުތިސޯދު ނުވެއްޓޭ ފަދަ ފުން އަނދަވަޅަކަށް މި ސަރުކާރުން ވަނީ ރާއްޖޭގެ އިގްތިސޯދު ވައްޓާލާފައިވ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވަނީ، ހިފެހެއްޓުމެއް ނެތި ޑޮލަރުގެ އަގު އުފުލެމުން އެ ދަނީ ސަރުކާރުގެ ބޮޑު އިސްރާފުގެ ސަބަބުން، ހަރަދު ކުޑަނުކުރާތީ ކަމަށާއި، ރަސްމާލެ ހިއްކުމާއި، އަސްކަރީ ޑްރޯނާއި ހަތިޔާރު ގަތުމާއި، ބިލިއަނުން ހަރަދުކުރަން ޖެހިފައިވާ މުސާރައިގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ ސަބަބުން ކަމަށް ތުހުމަތު ކުރައްވާފައެވެ.
ފައްޔާޒް ވިދާޅުވީ، އެކަމުގެ ޒިންމާ ވިޔަފާރިތަކާއި ޑޮލަރުން އާމްދަނީ ލިބޭ މީހުންގެ ބޮލުގައި ނޭޅުވޭނެ ކަމަށާއި، މި ސަރުކާރުން ޕްރައިވެޓް ސެކްޓާ އެއްކޮށް ފުނޑާލިއިރު ބޭރުން ފައިސާއެއް އަދި އިންވެސްޓްމަންޓެއް ވެސް ނުގެނެވުނު ކަމަށެވެ.
ރައީސް އޮފީހުގެ ގޮފިތަކެއް ގޮތަށް ބީއެމްއެލް އާއި އެމްއެމްއޭ ބަދަލުކޮށް، މާރުކުރާ ޑޮލަރު ބޭނުންކުރަމުންދަނީ ސިޔާސީ އަޗާތެޅުމާއި އިގުތިސޯދަށް މަންފާނުވާނެ ހަރަކާތްތަކަށް ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން ފައްޔާޒް ވިދާޅުވީ، ގާނޫނީ އިމުގެ ބޭރުން 2.4 ބިލިއަން ރުފިޔާ ޗާޕުކޮށް އިގުތިސޯދަށް ވެއްދީ މިދިޔަ މަހު ކަމަށެވެ. އެގޮތުން މިއަދު ސަރުކާރުން އެ ދިމާކުރަނީ ދިވެހި އިގުތިސޯދުގެ މައި އިންޖީނު ހިންގައިދޭ ރިސޯޓު މުވައްޒަފުންނާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުން އުޅެނީ ސަރުކާރުގެ ބޮޑު އިސްރާފަށް އެތައް ހާސް ދިވެހިންނެއްގެ ހަލާލު މަސައްކަތުން ލިބޭ އާމްދަނީން ފަންޑުކުރަން ކަމަށާއި، ދިވެހި އިގުތިސޯދުގެ ވިންދަކީ ޓޫރިޒަމް ވިޔަފާރިތަކާއި މަސައްކަތްތެރިންނަށްވީ ހިނދު، ޓޫރިޒަމް ވިޔަފާރިތައް އިނދަޖައްސާލުމަކީ ގައުމަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.