ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށްގެން ގައުމުގެ ހާލަތު ހަމަމަގަށް އަނބުރާ ގެނައުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މިއަދު ހެނދުނު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ 2023ގައި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުމަށްފަހު 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެމަނިކުފާނުގެ އަރިހުން ވަރަށް ގިނަ ފަރާތަކުން އެދެމުން އަންނަ ކަމަށެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުގެ މިދިޔަ ދުވަސްތަކުގެ ތަޖުރިބާއިން ފެނުނީ މިއީ އެއްވެސް ކަހަލަ މިސްރާބެއް އަދި ސިޔާސަތުތަކެއް ވެސް ނެތް، ރައްޔިތުންނަށް އެތައް ގިނަ ގުނަ ދުއްތުރާތައް ކުރަމުންދާ މުޅި ރާއްޖެއަށް މުސީބާތެއްގެ ގޮތުގައި އޮތް ސަރުކާރެއްގެ ގޮތުގައި ކަމަށެވެ.
މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ޝާހިދު ވިދާޅުވީ ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށްގެން ގައުމުގެ ހާލަތު ހަމަ މަގަށް އަނބުރާ ގެނައުމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މީގެ އިތުރުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ، ފާލުން ނެއްޓިފައިވާ ސަރުކާރު ނިމުމަކަށް ގެނެސް ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރެއްވީ މި މަހުގެ 14 ވަނަ ދުވަހު އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައެވެ. އެމްޑީޕީގެ ރައީސް ކަމުން ޝާހިދު އިސްތިއުފާ ދެއްވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވުމަށް ފަހުއެވެ.