ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް މާރުކުރަން މަޖުބޫރުކުރުމަކީ އިންވެސްޓަރުންގެ އިތުބާރަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު މިހެން ވިދާޅުވެފައި ވަނީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު 40 އިންސައްތައަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައި އިއްޔެ އެކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ނަޝީދު ވިދާޅުވީ ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ ބޮޑު އިންސައްތައެއް އެމްއެމްއޭއަށް މާރުކުރަން މަޖުބޫރުކުރުމަކީ އިގުތިސާދީ ގޮތުން ނޭދެވޭ ބޮޑެތި ނަތީޖާތަކެއް ނުކުމެދާނެ ސިޔާސަތެއް ކަމަށެވެ. އަދި ގިނަ ރިސޯޓުތަކަކީ ޑޮލަރުން އަދާކުރަންޖެހޭ ބޮޑެތި ދަރަނިތަކެއް އޮތް ތަންތަން ކަމަށާއި، ގިނަ ރިސޯޓްތަކަކީ ބޭންކު ލޯނު މެދުވެރިކޮށް ބޮޑުބައެއް ފައިނޭންސްކޮށްފައިވާ ބޭރުގެ އިންވެސްޓްމަންޓްތައް ކަމަށް ވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޝައުގުވެރިވި މައިގަނޑު ސަބަބަކީ ވާދަވެރި ރަނގަޅު ފައިދާއެއް ލިބޭތީ ކަމަށެވެ. އަދި އެ ހިތްވަރު ގެއްލުވައިލުމަކީ، އިންވެސްޓަރުންގެ އިތުބާރަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ދިގު މުއްދަތުގެ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމުގައި ނަޝީދު ވަނީ ސިފަކުރައްވާފައެވެ.
ތިން ވަޒީރަކާ އެކު ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ކުރިން އޮތް އޮތުން 40 އިންސައްތައަށް ބަދަލުކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. މަޖިލީހަށް ހުށަހަޅާ އިސްލާހުގެ ތެރޭގައި ކޮންމެ ތިން މަހަކުން ޑޮލަރު މާރުކުރަން އޮންނަ އޮތުން، ކޮންމެ އެއް މަސް ދުވަހުން މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުން ވެސް ހިމެނޭކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އިރާނު ހަނގުރާމައާ ގުޅިގެން ޑޮލަރުގެ މާކެޓަށް ވަގުތީ ހީނަރުކަމެއް އައި ނަމަވެސް، ޑޮލަރުގެ އަގު މިހާ ބޮޑަށް މައްޗަށް ދާން ޖެހޭ ސަބަބެއް ނުފެންނަ ކަމަށް ގަވަރުނަރު ފާހަގަކުރެއްވިއެވެ. އަދި އަގުގެ މައްސަލައިގެ ފަހަތުގައި ވަނީ ސްޕެކިއުލޭޝަން ނޫނީ ބަޔަކު ރޭޓުތައް ކަނޑައެޅުން ކަމަށް ވިދާޅުވިއެވެ.