ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ މުސާރަ، ބޭންކް އެކައުންޓަށް ޖަމާކުރަން ލާޒިމްކޮށް، "ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ގަވައިދު" އިސްލާހުކޮށްފިއެވެ.
އެ ބަދަލު ގެނެސްފައި ވަނީ ދިވެހި ސަރުކާރުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގެ ދަށުންނެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން ގެނައި މި އިސްލާހުގައި ބުނެފައި ވަނީ ބިދޭސީންނަށް ވަޒީފާގެ މުސާރަ ދޭންވާނީ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށް ކަމަށެވެ.
މި އާ ބަދަލަށް އަމަލުކުރަން ފަށާނީ ގަވާއިދު ޝާއިއުކުރާތާ އެއް މަސްދުވަސް ފަހުންނެވެ.
ބިދޭސީންނަށް މުސާރަ ޖަމާކުރަން ޖެހޭނީ ބޭންކު އެކައުންޓަށް ކަމަށް ގާނޫނަށް 2016 ވަނަ އަހަރު ވެސް އިސްލާހު ހުށަހެޅިއެވެ.
އެ އިސްލާހުގެ ދަށުން ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް އެ މީހުންގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާ އެކައުންޓަކަށް ޖަމާނުކުރާ ނަމަ ވަޒީފާ ދޭ ފަރާތްތައް ޖޫރިމަނާ ކުރެވޭގޮތަށް އޭރު ހެދި ނަމަވެސް، ޖޫރިމަނާ ފައިސާ ނެގުން ވަކި ހިސާބަކުން އޮތީ މަޑުޖައްސާލާފައެވެ. މިގޮތުން އެއީ ސައްހަ ލިޔުން ނެތް ބިދޭސީން ގިނަވުމުން ބޭންކު އެކައުންޓު ނުހުޅުވޭތީއެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން މި ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ބިދޭސީން ގަވައިދަށް ފައްތާފައެވެ. އެ ފަރާތްތައް ގަވައިދަށް ފެއްތުމަށްފަހު މުސާރާ ބޭންކު އެކައުންޓަށް ޖަމާކުރަންޖެހޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފައިވާއިރު، ބިދޭސީންގެ މުސާރަ އާއި އިނާޔަތްތައް ބޭންކް އެކައުންޓަށް ޖަމާކުރުން 2016 ވަނަ އަހަރު އޭރު ލާޒިމްކުރީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ދައުލަތަށް ރެމިޓެންސް ޓެކްސް ނެގުމަށެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެކުލަވާލި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ޤަވާއިދުގައި ވާގޮތުން ރާއްޖެއަށް ވަޒީފާ އަދާކުރަން އަންނަ ބިދޭސީން ރާއްޖެ އަންނަ ތާރީޚުން ފެށިގެން ގިނަވެގެން 45 ދުވަހުގެ ތެރޭގައި ވަޒީފާގެ އެއްބަސްވުން އެކުލަވައިލައި އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށް އެއްބަސްވުމުގެ ކޮޕީއެއް ބިދޭސީ ފަރާތާ ހަވާލު ކުރަންޖެހޭނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ޤަވާއިދުގައިވާގޮތުން އެއްވެސް ވަޒީފާއަކަށް ބިދޭސީއަކު ގެނެވޭނީ އެވަޒީފާއަށް ދިވެއްސަކު ހޯދަން އެދި ޖޮބް ސެންޓަރުގައި އިޢުލާނުކުރުމަށްފަހު އެ ވަޒީފާއަށް އެކަށީގެންވާ ދިވެއްސަކު ނުލިބިއްޖެ ހާލަތެއްގައި ކަމަށްވެސް ވަނީ ބުނެފައެވެ.