ރާއްޖެއިން ބޭރުން އަންނަ ދިވެހިންނަށް ވެސް އަމިއްލަ ބޭނުމަށް ވަކި މިންވަރަށް ދުންފަތުގެ ބާވަތްތައް ގެނެވޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.

ދަތުރުވެރިން ގެންނަ ތަކެއްޗާއި އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި ވިޔަފާރި ސާމްޕަލްގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު ކުރިން އޮތްގޮތުން އަމިއްލަ ބޭނުމަށް ދުންފަތުގެ ބާވަތްތައް ވަކި މިންވަރަކަށް އެތެރެ ކުރެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ ފަތުރުވެރިންނަށް އެކަންޏެވެ.

އެހެން ނަމަވެސް އެ އުސޫލަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން އިއްޔެ ވަނީ އިސްލާހު ގެނެސްފައެވެ.

އިއްޔެ ގެނައި އިސްލާހުގައި ބުނީ ދިވެހިން ވެސް ހިމެނޭ ގޮތަށް ރާއްޖެއިން ބޭރުން އަންނަ މީހުންގެ ތެރެއިން 21 އަހަރު ފުރިފައިވާ މީހުންނަށް އަމިއްލަ ބޭނުމަށް ދުންފަތުގެ ބައެއް ބާވަތްތައް ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ވަކި މިންވަރަށް ގެނެވިދާނެ ކަމަށެވެ.

ޑިއުޓީ ނުދައްކާ ދުންފަތް އެތެރެ ކުރެވޭނެ މިންވަރުގެ ގޮތުގައި ބުނެފައި ވަނީ ގިނަވެގެން 200 ސިނގިރޭޓް، އަދި ގިނަވެގެން 20 ސުއްޓާ އާއި

ދުންފަތުގެ އެ ނޫން ބާވަތެއް ނަމަ ގިނަވެގެން 100 ގްރާމް އެވެ.

މީގެ އިތުރުން ދުންފަތް އޮޅުމަށް ބޭނުންކުރާ ތަކެތި ވެސް ވަކި މިންވަރަކަށް ވުރެ އިތުރުނުވާ ގޮތަށް އަމިއްލަ ބޭނުމަށް ޑިއުޓީ ނުދައްކާ އެތެރެ ކުރެވިދާނެ ކަމަށް ވެސް އެ އުސޫލުގައި ހިމަނާފައި ވެއެވެ.

އެ ގަވައިދަށް ލުޔެއްދީފައިވި ނަމަވެސް 2007 ވަނަ އަހަރު އުފަންވެފައިވާ އެއްވެސް މީހަކަށް އެ އުސޫލުގެ ދަށުން ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގައި އެއްވެސް ލުޔެއް ނުދެވޭނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

މިގޮތުން ޝީޝާ އާއި އީ ސިނގިރެޓާއި އީ ލިކުއިޑާއި ފެލްވާޑް ސިނގިރެޓްގެ ބާވަތްތައް ޑިއުޓީ ނުދައްކާ ނުގެނެވޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައި ވެއެވެ.