ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 62 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މިކަންހާމަކުރައްވާފައި ވަނީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ނާޝިދު ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ހިންގާ ބިން ހިއްކުމުގެ އެންމެ ބިޔަ މަޝްރޫޢު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ.

އެގޮތުން ޖުމްލަ 1,150 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ދަށުން، މިހާރު 716 ހެކްޓަރު ހިއްކައި ނިމި، ރަސްމާލެ މިވަނީ ރާއްޖޭގެ އެންމެ ބިން ބޮޑު ރަށަށް ވެފައި ކަމަށް ނާޝިދު ވިދާޅުވިއެވެ.

އަދި މިއީ މީގެ ކުރިން އެންމެ ބޮޑު ރަށުގެ ގޮތުގައި އޮތް ލ. ގަމަށް (609 ހެކްޓަރު) ވުރެ 107 ހެކްޓަރު ބޮޑު މިންވަރެއް ކަމަށްވެސް ނާޝިދު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ރަސްމާލެގެ މަސްރޫޢު ނިމުމާއެކު ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ނާޝިދު ވިދާޅުވިއެވެ.

ނާޝިދު ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދިނުން ކަމަށެވެ.

މި ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ވަނީ ނިންމާފައެވެ. މިގޮތުން މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްދާ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަސްމާލެއިން 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓެވީ 2023ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.