ރިސޯޓުތަކުން ޑޮލަރުން ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ (މަޓީ) އިން ބުނެފި އެވެ.

މަޓީން ނެރުނު ނޫސް ބަޔާނެއްގައި ބޭރު ފައިސާއާ ބެހޭ ގާނޫނުގައިވާ ކެޓަގަރީ "އޭ" ގެ ތަންތަނުން ޖުމްލަ ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ އިސްލާހާ މެދު މަޓީން އިންތިހާ އަށް ކަންބޮޑުވާކަން ހާމަކޮށްފައެވެ.

މަޓީން ނެރުނު ބަޔާނުގައި ބުނީ ރިސޯޓުތަކުން ތެލާއި މުސާރަ އާއި ސާވިސް ޗާޖާއި ޓެކްސްތައް (ޓީޖީއެސްޓީ، ގްރީން ޓެކްސް، ވިތުހޯލްޑިން ޓެކްސް އަދި އިންކަމް ޓެކްސް) އާއި ކުލި އަދި ބޭރު ފައިސާ އިން ދައްކަންޖެހޭ ލޯނުތައް ކަހަލަ ގިނަ ހަރަދުތަކެއް ޑޮލަރުން ކުރަން ޖެހޭތީ ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށެވެ.

އަދި ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް، ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ސަރުކާރުގެ ތަހުގީގަކުން ތުހުމަތު ކޮށްފައި ވިޔަސް، މަޓީން ބުނީ އެފަދަ ކަމެއްގެ މައުލޫމާތު އެ ޖަމިއްޔާ އަށް ލިބިފައި ނުވާ ކަމަށެވެ. ހުރިހާ ރިސޯޓު އޮޕަރޭޓަރުން ވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އެ ޖަމިއްޔާ އިން އިލްތިމާސްކުރާ ކަމަށް މަޓީން ހާމަކޮށްފައި ވެއެވެ.

ހަމައެހެންމެ މަދު ރިސޯޓު އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުގީގުކުރަމުންދާތީ އަދި މުޅި ސިނާއަތަށް އަމާޒު ކޮށްގެން ފިޔަވަޅު އަޅަައި، ޑޮލަރުގެ ކަޅުބާޒާރު ހިންގާ ކަމުގެ ތުހުމަތު ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް މަޓީން ބުނެއެވެ.

މީގެ އިތުރުން މަޓީން ބުނީ އެމްއެމްއޭއާ އެކު ކުރިން ބޭއްވި ބައްދަލުވުންތަކުގައި އެ ޖަމިއްޔާ އިން ހުށަހަޅާފައި ވަނީ ބޭރުފައިސާ މާރުކުރަން ޖެހޭ މިންވަރު 10 ޕަސެންޓަށް ވުރެ އިތުރު ނުކުރުމަށް ކަމަށެވެ.

މިގޮތުން ގާނޫނީ ގޮތުން އިސްތިސްނާއަށް އެދިފައިވާ ރިސޯޓުތަކުގެ ހުށަހެޅުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް މަޓީން ބުނެއެވެ. އަދި ސަރުކާރާއި އެމްއެމްއޭއާ އެކު ވާހަކަ ދައްކައިގެން އިންސާފުވެރި ދެމެހެއްޓެނިވި ހައްލެއް އެކަމުގައި ހޯދުމަށް އެ ޖަމިއްޔާ އިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް މަޓީން ވަނީ ބުނެފައެވެ.