ގެދޮރު ބިނާކުރުމަށް ދޫކުރާ "ހިޔާވެހި" ފައިނޭންސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 244 މީހުންނަށް ފައިސާ ދޫކޮށްފައިވާ ކަމަށް ބިނާރާއި އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު
އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރު ނާޒިމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ، ހިޔާވަހި ސްކީމުގެ ފުރަތަމަ ބުރުގައި 891 މީހުންނަށް މި ޕްރޮގްރާމުގެ ތެރެއިން މާލީ އެހީ ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މީގެތެރެއިން 244 މީހުންނަށް ފައިސާ ހަމަޖައްސާ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ޝަރުތު ހަމަވާ 629 މީހުންނަށް ފައިސާ ދޫކުރުމަށް ފުރިހަމަކުރަންޖެހޭ ފަހުގެ މަރުޙަލާ ކުރިއަށްދާކަމަށްވެސް ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
ނާޒިމް ވަނީ އެ 629 މީހުންނަށްވެސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އަމާޒަކީ، އަހަރު ނިމުމުގެ ކުރިން މުޅި ސްކީމަށް ހޮވުނު 891 މީހުންނަށް ފައިސާ ދޫކޮށް ނިންމުން ކަމަށްވެސް ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، އެ މަސައްކަތް ލަސްވުމަށް ދިމާވި އެންމެ ބޮޑު ސަބަބަކީ ފައިސާ ދޫކުރާ އުސޫލާއި އިޖުރާޢަތްތައް ފުރިހަމަކޮށް އެކަން ކުރުމަށް ދިގު މުއްދަތެއް ހޭދަވުން ކަމަށެވެ.
މީގެ އިތުރުން އެ ކަންކަން އިސްލާޙުކުރަން އެޕްލިކަންޓާއި ބޭންކް އަދި މިނިސްޓްރީއާ ދެމެދު ވަރަށް ގިނަ މަސައްކަތްތައް ކުރެވުނު ކަމަށްވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން 3 ބަޔަކަށް ބަހާލައިގެން ފައިސާ ދޫކުރެއެވެ. އެގޮތުން އެ ޕްރޮގްރާމްގެ ފަހިމާލެ ސްކީމްގެ ދަށުން އެޕްލިކަންޓަކަށް 6 އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާއިރު ސަހަރު ސްކީމްގެ ދަށުމް 3 މިލިއަން ރުފިޔާ އަދި ރަށްވެހި ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ ދޫކުރާނެެއެވެ.
މި ޕްރޮގްރާމުގެ ދަށުން އަހަރަކު ޖުމްލަ ދެ ބިލިއަން ރުފިޔާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އޭގެ ތެރެއިން 1 ބިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓުން ދޫކުރާއިރު، އަނެއް 1 ބިލިއަން ރުފިޔާއަކީ ބޭންކުތައް މެދުވެރިކޮށް ދޫކުރާ ފައިސާއެވެ.