ކުދި ޖަޒީރާ ޤައުމުތަކުގެ އިޤްތިޞާދު ފުޅާކޮށް ކުރިއެރުވުމުގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ނުހަނު ބޮޑު ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މާލީ ވަޒީރު ޙަސަން ޒަރީރު މިހެން ވިދާޅުވީ ޚާރިޖީ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026 އަދި އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޑިޖިޓަލައިޒޭޝަނާއި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، އީ-ގަވަރނަންސް އަދި ފިންޓެކް ފަދަ ޒަމާނީ ޓެކްނޮލޮޖީތަކަކީ މުޖުތަމަޢުތައް ގުޅުވައިދީ، ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ވިޔަފާރިތަކަށް އެހީތެރިވެދިނުމާއެކު އައު އިޤްތިޞާދީ ފުރުޞަތުތައް ތަނަވަސްކޮށްދޭނެ ވަސީލަތްތަކެކެވެ.

ރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީގެ ޒަރީޢާއިން އީޖާދީ އުފެއްދުންތައް ބޭނުންކޮށްގެން ދިމާވާ ޢަމަލީ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ އިތުރުން، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހަރުދަނާ އަދި ލާމެހިފައިވާ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ދުވެލި ހަލުވިކުރެވިދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ސަރުކާރުތަކުގެ ޒިންމާއަކީ ހަރުދަނާ ސިޔާސަތުތަކާއި، ވަރުގަދަ މުއައްސަސާތަކާއި އެކަށޭނަ ޤަވާޢިދުތަކުގެ ތެރެއިން ވިޔަފާރިތަކަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުން ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތައް އިތުރުކޮށް، އީޖާދީ ފިކުރުތަކަށް ޢަމަލީ ސިފަ ގެނެސް، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރިއެރުން ހޯދައިދޭ މައިގަނޑު ބާރު ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ބަލާއިރު، ޓެކްނޮލޮޖީއަކީ އީޖާދީ އުފެއްދުންތަކުގެ ޒަރީއާއިން އަމަލީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ލާމެހިފައިވާ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން، އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭ މުހިންމު ވަސީލަތެއް"

މާލީ ވަޒީރު ޒަރީރު

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ހަރުދަނާ ސިޔާސަތުތަކާއި، ވަރުގަދަ މުއައްސަސާތަކާއި ގަވާއިދުތަކުގެ ތެރެއިން އެކަށޭނަ މާހައުލެއް ބިނާކުރުމަކީ ސަރުކާރުތަކުގެ ޒިންމާއެކެވެ. އަދި އަމިއްލަ ވިޔަފާރިތަކަކީ އިންވެސްޓްމަންޓްތަކާއި، އީޖާދީ އުފެއްދުންތަކާއި، ވިޔަފާރީގެ ވިސްނުންތަކާއި ޓެކްނޮލޮޖީގެ ބޭނުންހިފައިގެން، ތަފާތު ޚިޔާލުތައް ހަގީގަތަކަށް ހަދައިދިނުމުގެ ގާބިލުކަން ލިބިފައިވާ މައިގަނޑު ބާރު ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން، ކުދި ޖަޒީރާ ޤައުމުތަކަށް މި ހުރިހާ ބާރުތައް އެއް އަމާޒަކަށް ގެނައުމަކީ ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުތަކާއި، ވިޔަފާރިތަކާއި، އިންވެސްޓަރުން އަދި ތަރައްޤީގެ ބައިވެރިން ގުޅިގެން މަސައްކަތްކުރުމަށް ވަޒީރު ގޮވާލެއްވިއެވެ.

މީގެއިތުރުން، މި ފޯރަމަކީ ހަމައެކަނި ގޮންޖެހުންތަކާ މެދު މަޝްވަރާކުރުމަށް އޮތް ފުރުސަތެއް ނޫން ކަމަށާއި، މިއީ އައު ފުރުސަތުތައް ދެނެގަތުމަށާއި، ހައްލުތައް ހިއްސާކުރުމަށާއި، އީޖާދީ ޚިޔާލުތަކަށް މާލީ އެހީތެރިކަން ހޯދުމުގެ އިތުރުން، މާނަވީ އަދި ނަތީޖާ ނެރެވޭނެ ފަދަ ބައިވެރިވުންތައް ބިނާކުރުމަށް ލިބުނު އަގުހުރި ފުރުސަތެއް ކަމުގައި ވަޒީރު ވިދާޅުވިއެވެ.

ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމަކީ 2014ވަނަ އަހަރު ބޭއްވި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތިން ވަނަ ބައިނަލްއަޤުވާމީ ބައްދަލުވުމުން ފެށިގެން ސިލްސިލާ ގޮތެއްގައި ދެ އަހަރުން އެއް އަހަރުން ބާއްވަމުން އަންނަ ފޯރަމެކެވެ. މިފޯރަމްގެ މަގްސަދަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީގައި ދައުލަތްތަކުގެ އިތުރުން، އެގައުމުތަކުގެ ވިޔަފާރިތަކާއި އެކި އެކި އިންވެސްޓަރުންނާއި އެހީދޭ ފަރާތްތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ.