އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ހުށަހަޅާފައިވާ އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ނަން އަނބުރާ ގެންދިއުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިއަދު ގޮވާލައްވައިފިއެވެ.

ކުޑޫ އެކަމަށް ގޮވާލައްވާފައި މި ވަނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޢަބްދުލްޢަޒީޒާ އިންޓަވިއު ކުރުމަށްފަހު އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ދިނުމަށްފަހު، އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީގައި ބައިވެރިވި ފަސް މެންބަރުންގެ ވޯޓުން ފާސްކޮށްފައިވަނިކޮށެވެ.

އެކަމާ ގުޅިގެން ކުޑޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ދައުލަތުގެ މާލިއްޔަތު ހަރަދުކުރާގޮތާއި މުހިންމު ނިންމުންތައް ނިންމާ ގޮތް ބަލައި ވެރިކަން ހިންގުމުގެ ނިޒާމު ޒިންމާދާރުކުރުވުމަށް ރައްޔިތުންނަށް ލިބިދޭ އެންމެ މުހިންމު އަސާސީ ބާރުކަމަށެވެ. އަދި އެ ހައްގު ފުރިހަަމައަށް ނުލިބޭނަމަ ކޮރަޕްޝަން އިތުރުވެ ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.

ކުޑޫ ވިދާޅުވީ ގިނަ ބަޔަކު ވަކާލާތުކޮށް ބުރަ މަސައްކަތުން 2014 ވަނަ އަހަރު މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ވުޖޫދުވީ ނަމަވެސް، ގާނޫނުގެ ސީދާ ފައިދާ ގުޅިފައި ވަނީ އެ ގާނޫނު ތަންފީޒު ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރު ބަހައްޓަވާ ސީރިއަސް ކަމުގެ މައްޗަށް ކަމަށެވެ. ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުކަންވެސް ކުރެއްވި އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރުގައި (2014 އިން 2019) އަށް ގާނޫނު ތަންފީޒުކުރުން އޮތީ ބަލިކަށި ހާލަތެއްގައި ކަމުގައި ކުޑޫ ފާހަގަކުރެއްވިއެވެ. އަދި ގާނޫނުގައި ސަރީހަކޮށް ލާޒިމުކޮށްފައިވާގޮތާ ހިލާފަށް އާންމުކޮށް ހުޅުވާލައިގެން އަޑުއެހުންތައް ބޭއްވުމުގެ ބަދަލުގައި އޭނާ އިސްކަންދެއްވީ ސިއްރު މަޝްވަރާތަކަށް ކަމަށްވެސް ކުޑޫ ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން އެ ދައުރުގައި ކުރިއަށްގެންދިޔަ އާރުޓީއައި އެސެސްމަންޓްގެ ހޯދުންތަކަށް ބަލާއިރު ހުށަހެޅުނު މައްސަލަތަކުގެ 53 އިންސައްތަ ބޭރުކޮށްލާފައިވާކަމަށާއި، 16 އިންސައްތަ މައްސަލައަށް އެއްވެސް ޖަވާބެއްދީފައި ނުވާ ކަމަށް ކުޑޫ ވިދާޅުވިއެވެ. އަދި އަސާސީ ހައްގަކަށް އެދޭއިރު ސަބަބު ބަޔާންކުރަން ނުޖެހޭނެ ނަމަވެސް "މަހޯލި" ފޯމުތައް މެދުވެރިކޮށް މައުލޫމާތު ބޭނުންވާ ސަބަބު ލިޔަން މަޖުބޫރު ކުރުވުމުން ދައުލަތުގެ އިދާރާތަކަށް މައުލޫމާތު ހިފެހެއްޓުމުގެ ފުރުސަތު ފަހިވެގެން ދިޔަ ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ. އަދި އިދާރާތަކުން އިސްނަގައިގެން މައުލޫމާތު ހާމަކުރޭތޯ ބެލުމުގެ ޒިންމާވެސް އެ ދައުރުގައި އޮތީ މުޅިން ދޫކޮށްލާފައި ކަމުގައި ކުޑޫގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން އައި ކޮމިޝަނަރުގެ ދައުރުގައި އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދަން ފެށުމުން އެ ނިޒާމަކީ އަމަލީ ގޮތުން ބޭނުން ކުރެެވޭ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ވަސީލަަތަކަށް ވެގެންދިޔަ ކަމަށް ކުޑޫ ވިދާޅުވިއެވެ. މިގޮތުން އެ ހާމަކަން ބޮޑު ސަގާފަތުގެ ސަބަބުން އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ދިޔަަ ކަމަށްވެސް ކުޑޫ ވިދާޅުވެފައި ވެއެވެ.

އެހެންކަމުން ވޭތުވެދިޔަ އަހަރުތަކުގައި ހޯދިފައިވާ އެ ކުރިއެރުންތައް ރައްކާތެރިކޮށް ދަމަހައްޓަން ޖެހިފައިވާއިރު، އަލުން ކުރީގެ ސިއްރުވެރި އުސޫލުތައް އިހްތިޔާރުކުރައްވާނެ ކަމަށް ވިދާޅުވާ ބޭފުޅަކު އެ މަގާމަށް އައްޔަނުކުރުމަކީ މުޅި ނިޒާމު ފަހަތަށް ސޮއްސައިލާ މައުލޫމާތު ހޯދުމުގެ ހައްގު ހަނިވެގެންދާނެ ކަމެއް ކަމަށް ކުޑޫ ވަނީ ވިދާޅުވެފައެވެ.