ރިސޯޓްތަކަށް ލިބޭ ޑޮލަރުގެ 20 އިންސައްތަ މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު 40 އިންސައްތައަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

މިކަންހާމަކޮށްފައި ވަނީ އެމްއެމްއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

މުނައްވަރު ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނު އިތުރަށް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަން ހާމަކުރައްވާފައެވެ. އެގޮތުން ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ތިން ފިޔަވަޅެއް އަޅަން ނިންމާފައިވާ ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

"މިހާރު މަޖިލީހަށް ގެނެސްފަ އިން އިސްލާހަށް އިތުރު އިސްލާހެއް ގެންނަން މަސައްކަތް ކުރަމުން މިދަނީ ކުރީގަ އިން 20 އިންސައްތައިގެ ބަދަލުގައި 40 އިންސައްތައަށް އިތުުރުކުރަން އޭރުން ހަގީގަތުގަ އަޅުގަނޑުމެންނަށް ޓީޓީއަށް މި ދެވޭ ވަރު އިތުރުކުރެވިގެންދާނީ. ދެވަނަ ބަދަލަކަށް މިގެންނަނީ ކުރީގަ އިންނަނީ ތިންމަސްދުވަސް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އެމްއެމްއޭ އަށް މާރު ކުރަން މިހާރު ބަދަލު މިގެންނަނީ އެއް މަސްދުވަހަށް. "

ގަވަރުނަރު އަހްމަދު މުނައްވަރު

ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް އަޅަން ނިންމާފައިވާ ތިން ވަނަ ފިޔަވަޅަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން އެ ޑޮލަރު ހޭދަކުރާ ގޮތް މޮނިޓާކުރުން ހަރުދަނާ ކުރުމަށް ގާނޫނަށް އިސްލާހުތަކެއް ގެނައުން ކަމަށްވެސް މުނައްވަރު ވިދާޅުވިއެވެ.

މީގެ އިތުުރުން ރާއްޖޭގެ ވިޔަފާރިތަކަށް އިމްޕޯޓަށް ބޭނުންވާ ޑޮލަރު ނުލިބޭ މައްސަލަ ހައްލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ދާއިމީ ގޮތެއްގައި ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކޮށްގެން ކަމަށްވެސް މުނައްވަރު ވަނީ ވިދާޅުވެފައެވެ.