ޑޮލަރުގެ މައްސަލަ ހައްލުވާނީ، އިގްތިޞާދީ ހުރިހާ ބަހާތައް ހަމަޔަކަށް އެޅުވިގެން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

މުނައްވަރު މިހެން ވިދާޅުވީ، ރައީސް އޮފުހުގައި މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ޑޮލަރުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުން ނަތީޖާއެއް ނުފެންނަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މުނައްވަރު ވިދާޅުވީ، ރާއްޖޭގެ ފައިސާ ސަޕްލައިގައި 40 އިންސައްތައަށް ވުރެ މަތީގައި ބޭރު ފައިސާ ބޭނުންކުރެވެމުންދާ ކަމަށާއި، މިފަދަ ހާލަތެއްގައި އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން މެކްރޯ އިކޮނޮމިކް އަދި ބަޖެޓުގެ ސިޔާސަތުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްގެން އިގުތިޞާދު ހަމައަކަށް އަޅުވަން ޖެހޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

" އެހެންވީމަ މިހާރުގެ މިހާލަތުގައި މި އޮތީ ސްޕެކިއުލޭޝަން އެލިމެންޓެއް އަޅުގަނޑުމެންނަށް ފެނި ދިރާސާތަކުން ގަބޫލު މިކުރެވެނީ، އެހެންމަ އެކީ އެކައްޗަކަށް މިކަން ހައްލު ކުރެވިގެން ދާނެ މެކްރޯގަ ހުރި އިމްބެލެންސްތައް ވެސް ރަނގަޅު ކުރެވިގެން. އޭގެ ތެރޭގައި ބަޖެޓު ޑިފެސިޓުގަ ވެސް އަޅުގަނޑުމެންނަށް ބެލެންސް ކުރެވެން ޖެހޭނެ ހަމަ އެގޮތަށް ކަރަންޓް އެކައުންޓް ވެސް ޑެފިސިޓް ވެސް ކުޑަ ކުރެވެން ޖެހޭ"

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަހުމަދު މުނައްވަރު

މީގެއިތުރުން، ރާއްޖޭގެ މާލީ ނިޒާމު ކުރިއަށް އޮތް ތަނުގައި ބައްޓަންކުރުމުގެ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން މުނައްވަރު ވިދާޅުވީ، އަމާޒަކީ "މެނޭޖްޑް ފްލޯޓިން" އެކްސްޗޭންޖް ރޭޓް ނިޒާމަކަށް ދިއުން ކަމަށެވެ. ނަމަވެސް އެފަދަ ނިޒާމެއް ކާމިޔާބުކަމާއެކު ހިންގޭނީ ސެންޓްރަލް ބޭންކުގައި އެކަށީގެންވާ ރިޒާވެއް ހުރެގެން ކަމަށާއި، ސިންގަޕޫރު ފަދަ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކަނޑައަޅާ ރޭޓް ހިފެހެއްޓެނީ ރިޒާވްގެ އެހީގައި ކަމަށް ވިދާޅުވިއެވެ.

އެގޮތުން، މަދުވެގެން ތިން މަސް ނުވަތަ ހަތަރު މަސް ދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވެއް އެމްއެމްއޭގައި ހުންނަން ޖެހޭނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި މިހާރު ކަނޑައަޅާފައިވާ އަމާޒުތަކާއެކު ކުރިއަށް އޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި އެ މިންވަރަށް ރިޒާވް އިތުރުކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް މުނައްވަރު ވިދާޅުވިއެވެ.