އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު (އަޒީ) އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ޢަބްދުލްޢަޒީޒަކީ ރާއްޖޭގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ޢަބްދުލްޢަޒީޒާ އިންޓަވިއު ކުރުމަށްފަހު އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ދީފައިވެއެވެ. އަދި އޭނާގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީގައި ބައިވެރިވި ފަސް މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާއިރު، އެ ނިންމުމާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުގެ ނަން އިންފޮމޭޝަން ކޮމިޝަނަރަކަށް ޢައްޔަންކުރުމަށް ފޮނުވާފައި ވަނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު އާހިދު ރަޝީދުގެ މަޤާމުގެ މުއްދަތު އަންނަ މަހަށް ހަމަވާތީއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ތަރިކައާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި މިހާރު ހުންނެވި ޢަބްދުލްޢަޒީޒް ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް ނިންމެވުން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވި ސިޓީފުޅު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ. އަދި އެ މައްސަލަ ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިއްޔެ ފޮނުވިއެވެ.
ޢަބްދުލްޢަޒީޒު ވަނީ 2014 އިން 2019އާ ހަމައަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާ ކުރައްވާފައެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ޢަބްދުލްޢަޒީޒަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ބޭފުޅެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި އުފައްދަވާފައިވާ އޮފީހެކެވެ.