ޑައިވިންގ ހާދިސާތަކުގައި ބޭނުންކުރުމަށް ހައިޕަރބެރިކްސް ޔޫރަޕުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް "ޕޯޓަބަލް ހައިޕަރބެރިކްސް ޓްރާންސްޕޯޓް ޔުނިޓެއް" ހަދިޔާކޮށްފިއެވެ.

އެކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ ފަރާތުން އެ ޔުނިޓާ ރަސްމީކޮށް ހަވާލުވެވަޑައިގަތީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

އެގޮތުން "ހައިޕަރބެރިކްސް ޔޫރަޕް" އިން ވެދިން ދީލަތި އެހީތެރިކަމަށްޓަކައި އެމްއެންޑީއެފްއިން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.

ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓަކީ ޑައިވިންގ ކުއްލި ހާދިސާތަކާއި، އެ ނޫންވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އެއްތަނުން އަނެއްތަނަށް ބަލި މީހުން ގެންދިއުމުގައި ޕްރެޝަރ ޗެމްބަރެއްގެ ގޮތުގައި ފުރާނަ ސަލާމަތްކުރުމަށް ބޭނުންކުރާ މުހިންމު ވަސީލަތެކެވެ.

މީގެ އިތުރުން މިއީ، ރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެއްގައި ސަލާމަތީ އަދި އިމަޖެންސީ އޮޕަރޭޝަންތައް ކުރިއަށްގެންދިއުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެކެވެ.