ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އުފައްދާފައިވާ ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިބްރާހިމް ޝިއުރީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ކުރިން، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ނަމުގައި ހިންގި ކުންފުންޏަށް ޝިއުރީ އައްޔަން ކުރެއްވީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގަ އެވެ.

ޝިއުރީ މަގާމުން އިސްތިއުފާ ދެއްވި ސަބަބު ސާފުވެފައި ނުވީ ނަމަވެސް އިސްތިއުފާ ދެއްވުމުގެ ކުރިން މިއަދު އޭނާ ވަނީ އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުރީ ހުންނެވީ ޓީޓީ އެސޯސިއޭޝަންގެ ނައިބު ރައީސްގެ މަގާމުގަ އެވެ. އަދި ވޯލްޑް ބޭންކު "އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް" ޕްރޮޖެކްޓެއްގެ ސްޓިއަރިން ކޮމިޓީ މެމްބަރެއްގެ ގޮތުގައި ވެސް ޝިއުރީ މަސައްކަތް ކުރެއްވި އިރު، ތަފާތު އެހެން އެތައް ޕްރޮޖެކްޓެއްގައިވެސް އިސްކޮށް ޝިއުރީ މަސައްކަތް ކުރައްވާފައިވެ އެވެ.

މީގެ އިތުރުން ޝިއުރީ ވަނީ، އަމިއްލަ ކުންފުންޏެއްގައި ޑިރެކްޓަ ޕްރޮޖެކްޓްސް އެންޑް އިންފްރާސްޓްރަކްޗާ މަގާމު އަދާކުރައްވައި އެއާޕޯޓު ތަރައްގީ ކުރުމުގެ އެކިއެކި މަޝްރޫއުތަކުގައި އިސްކޮށް މަަސައްކަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ފުވައްމުލަކު އެއާޕޯޓު ޕްރޮޖެކްޓާއި ދަރަވަންދޫ އެއާޕޯޓާއި އިފުރު އެއާޕޯޓާއި ކޫއްޑޫ އެއާޕޯޓާއި ކުޑަހުވަދޫ އެއާޕޯޓު އަދި ކުޅުދުއްފުށި އެއާޕޯޓު ޕްރޮޖެކްޓް ވެސް ހިމެނެ އެވެ.

ގައުމީ އިނާމާއި ޒުވާނުންގެ އިނާމު ވެސް ހާސިލް ކުރައްވާފައިވާ ޝިއުރީއަކީ މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވަސިޓީން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޕަބްލިކް ރިލޭޝަން އެންޑް ކޮމިއުނިކޭޝަން ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.