ރާއްޖެއަށް އަންނަ ޖުމްލަ އެރައިވަލްސް ދަށްވެފައިވީ ނަމަވެސް ޖުމްލަ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާންމުދަނީ 1 އިންސައްތަ އިތުރު ވެފައިވާކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ފާހަގަކޮށްފިއެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތަކާ ހަވާލާދީ ގަވަރުނަރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން އަދި އެހެން ބޭރު ފައިސާ ލިބެމުންދާ އާންމުދަނީގެ އިތުރުން މުޅި ޖުމްލަ ބޭންކިންގ ސެކްޓަރ ތެރޭގައި ޑިޕޮޒިޓް އިތުރުވެފައިވަނީ 18 އިންސައްތަ ކަމަށެވެ. އަދި ކްރެޑިޓް ގްރޯތް ވެސް 18 އިންސައްތަ އިތުރުވެފައިވާ ކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ.
ގަވަރުނަރު ވިދާޅުވީ ރަސްމީ ރިޒާވްއަށް ބަލާ ކަމަށް ވާނަމަ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލަށްވާ ބަރޯސާ އިތުރުވުމުގެ ސަބަބުން ވަރަށް ބޮޑު އިންސައްތައެއް އެކަމަށް ހަރަދު ކުރަމުންދާ ކަމަށެވެ.
އެގޮތުން ކުރީގެ އަގުތަކަށް ބަލާއިރު މިހާރު ތެލުގެ އަގު ހުރީ ދެ ގުނައިގަ ކަމަށާއި ހަނގުރާމަތަކުގެ ސަބަބުން ތެލަށް ކުރާ ހަރަދު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން އެމްއެމްއޭއިން އިންޓާވެންޝަންގެ ގޮތުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ރިޒާވް ހުރި ލެވެލްއަކަށް އިތުރު ކުރަމުންދާ ކަމަށެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،405،082 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.8 އިންސައްތަ ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 1،460،747 ފަތުރުވެރިންނެވެ.
މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 6،005 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.