މިދިޔަ މަހުގެ 9 ވަނަ ދުވަހުގެ ރޭ، އިއްޒުއްދީން ފާލަމާ ދިމާ ބޭރުން ލޯންޗަކާއި އެކްސިޑެންޓުވުމުން މަޑުނުކޮށް ފިލައިގެން ދިޔަ ދޯނި ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައިފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި ހިނގި އެކްސިޑެންޓަށްފަހު، އެ ދޯނި މަޑުނުކޮށް ފިލައިގެން ދިޔުމާ ގުޅިގެން، އެ އުޅަނދު ދެނެގަނެ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ތެރެއިން، މި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 17:52 އެހައިކަންހާއިރު އެ ދޯނި ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެގޮތުން، އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައިވާ ކަމަށާއި، ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އެ ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންއާ ސުވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ތަހުގީގީ މަރުހަލާގެ ތެރެއިން ކެޕްޓަންގެ ލައިސަންސްވެސް މިހާރު ހިފަހައްޓާފައިވާ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.