ހއ. އުލިގަމު ޔޮޓް މެރީނާއާއެކު އުތުރަކީ ވިޔަފާރި ޔޮޓްފަހަރަށް ފަސޭހަ މަރުކަޒަކަށް ވާނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށްޓަކައި ބިން ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން ވަޒީރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އުލިގަމުގެ ރައްޔިތުންނަށާއި މޯލްޑިވްސް ޕޯޓްސް އަށް މަރުހަބާ ވިދާޅުވެފައެވެ. އަދި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ވައުދުފުޅެއް ފުއްދުމަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އަލަށް ތަރައްގީކުރެވޭ މި ޔޮޓް މެރީނާއާއެކު، އުލިގަމާއި ރާއްޖޭގެ އުތުރުގެ ސަރަހައްދަކީ މުނިފޫހިފިލުވުމަށާއި ވިޔަފާރި އުސޫލުން ދަތުރުކުރާ ޔޮޓްފަހަރަށް ބޭނުންވާ ރައްކާތެރި އަދި ފަސޭހަ މަރުކަޒަކަށް ވެގެންދާނެ ކަމަށެވެ.

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ދިނުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހއ. އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ކަމަށްވި އިރު އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަސަދުﷲ މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން "އުލިގަން ޔޮޓް މެރީނާ ޕްރޮޖެކްޓް" ތަރައްގީކުރުމަށްޓަކައި، އެ ރަށުން ގާތްގަނޑަކަށް 70،471 އަކަމީޓަރުގެ ބިން އެމްޕީއެލްއަށް ކުއްޔަށް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.

މި މަޝްރޫއަކީ އުލިގަމަށް އަންނަ ޔޮޓްތަކަށް ދެވޭ ހިދުމަތްތައް ފުޅާކޮށް، ފަތުރުވެރިކަމާއި، ވިޔަފާރީގެ ހަރަކާތްތައް އިތުރުކޮށް، އިގްތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމަށް އަމާޒުކޮށްގެން ހިންގާ މުހިއްމު މަޝްރޫއެއް ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

އެގޮތުން މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ޔޮޓް މެރީނާގައި ޒަމާނީ ފެންވަރުގެ ގިނަގުނަ ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރުމަށް ރަވާފައިވާ އިރު، އެހެނިހެން އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަށް ނިންމާފައިވާ ކަން އެމްޕީއެލް އިން ވަނީ ފާހަގަކޮށްފަ އެވެ.

އެމްޕީއެލް އިން ބުނީ މި މަޝްރޫއާއެކު ރާއްޖޭގެ އެންމެ އުތުރުގެ ސަރަހައްދުގައި މެރިޓައިމް އިގުތިސާދު އިތުރަށް ފުޅާވެ، ފަތުރުވެރިކަމާއި އަދި ސަރަހައްދީ ވިޔަފާރިއަށް އިންގިލާބީ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.