މެދުއިރުމަތީ ހަނގުރާމައިގައި އެހެން ގައުމުތައް ތެލަށް ޖެހުނުއިރު، ރާއްޖެ ސަލާމަތްކުރީ ސަރުކާރުގެ ފަރުވާތެރިކަމުންކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މި ފަދައިން ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު ވަރަށް ބޮޑު ދަރަންޏެއް ރާއްޖޭގައި އޮތްކަމަށާއި، އެ ދަރަނި ސުކޫކު އަދާކޮށް ރާއްޖ ދަރަނިން އެމަނިކުފާނު ސަލާމަތް ކުރެއްވި ކަމަށެވެ.

މެދު އިރުމަތީގައި ހިނގަމުން ދާ ހަނގުރާމައަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، ކާޑުގެ ބާވަތްތަކާ ތެލާ ގޭހުގެ ބާވަތްތައް ރާއްޖެއިން ހުސްނުވެ ލިބޭގޮތަށް މާލީ ވުޒާރާއިން ބަޖެޓުތައް މެނޭޖު ކުރަމުން ގެންދިޔަ ކަމަށެވެ.

" ސަރަހައްދުގެ ބައެއް ގައުމުތަކުގަ ދިޔަ ގޭސް ހުސްވެ ތެލަށް ޖެހިގެން ދިޔަ ހާލަތްތަކެއް ވެސް ދިޔަ އިރާދު ކުރެއްވިއްޔާ ދިވެހި ރާއްޖެ އެހިސާބަކާ ގާތަކަށް ވެސް ނުދޭ ވަރަށް ފަރުވާ ތެރި ކަމާއެކު ސަރުކާރުން މަސަކަތް ކުރީ"

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު

ވަޒީރު ވިދާޅުވީ، އެ ހާލަތުގައި ރައީސް މުއިއްޒުގެ މަގްސަދަކީ ހުރިހާ ދިވެހި ރައްޔިތުންގެ މަސްލަހަތު އިސް ކުރުން ކަމަށާއި، ރާއްޖޭގެ އިގްތިސާދު ބުންވަރު ހުރި އިގްތިސާދަކަށް ހެދުމަށްތަކައި ކުރައްވާ މަސައްކަތަށް އިސްކަން ދެއްވުން ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓު ކުރާ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން ދެމުންގެންދާކަން ވެސް އެ މަނިކުފާނު ކަށަވަރު ކުރެއްވި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޖުމްލަކޮށް ދިވެހި ރާއްޖޭގެ އިގްތިސާދަކީ ބޭރުން ދުނިޔޭގަ އުފެދޭ ކޮންމެ މައްސަލަ އެއް ކަމުގައި ވިޔަސް، ވަކި ހާލަތަކާ ގުޅިގެން ދިމާވާ ކަމެއް ނަމަވެސް އެއްވެސް ކަހަލަ މަޑު ޖެހުމެއްނެތި ރާއްޖޭގެ ކަންކަން ކުރިއަށް ގެންދިއުމަކީ ރައީސް ޑރ. މުއިއްޒުގެ އަމާޒެއް ކަމަށެވެ.