ގާނޫނާއި ގަވާއިދާއި ހިލާފަށް މަނީ އެކްސްޗޭންޖްކުރާ 7 ފަރާތްތެއް މި ވަގުތު އެބަތިބި ކަމަށާއި މިދިޔަ 9 މަސް ދުވަހުގެ ތެރޭގައި 76 މިލިޔަން ޑޮލަރު ކަޅު ބާޒާރަށް ވިއްކާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެެރިންނާއެކު ބާއްވާފައިވާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ވިދާޅުވީ މިދިޔަ މަހެއް ހާދުވަސް ތެރޭގައި ކަޅު ބާޒާރުގެ ރޭޓު ބޮޑު ތަނުން އިތުރު ވެގެން ދިޔަ ކަމަށެވެ. މިކަން ފާހަގަވެގެން ދިޔައީ މަނީއެކްސްޗޭންޖާ ގުޅޭ ގާނޫނުގެ ވާހަކަތައް އިންޑަސްޓްރީގެ އިންވެސްޓަރުންނާއި އެހެން ފަރާތްތަކާއެކު ވެސް ދެއްކުމުގެ ތެރެއިން ޑޮލަރު މަޑު މަޑުން މައްޗަށް ދާން ފެށިކަން އެނގުމުން ކަމަށް ގަވަނަރު ވިދާޅުވިއެވެ.
އެހެންކަމުން އެކަމާއި ގުޅިގެން އެމްއެމްއޭއިން އެދިގެން ދާޚިލީ ވުޒާރާއިން ތަހުގީގުތަކެއް ކުރިޔަށްގެންދަން ފެށިކަމަށް ގަވަރުނަރު ވިދާޅުވިއެވެ. މިތަހުގީގުތަކުން ފާހަގަވިކަންކަން ހިއްސާކުރައްވަމުން ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވީ ރާއްޖޭގައި މިވަގުތު ރަޖިސްޓާ ކޮށްގެން މަނީ އެކްސްޗޭންޖް މަސައްކަތް 63 ތަނަކުން ކުރަމުން އަންނަކަމަށެވެ.
ޖިނާއީ ކުއްކޮށްގެން ހޯދާ ފައިސާ އަމިއްލަ ގޮތުގައި ބޭނުންކުރުމާއި ވިޔަފާރީ ގޮތުގައި ބޭނުން ކުރުމާއި އޭގެ އިތުރު ފައިދާ ހޯދުމަކީ ރާއްޖޭގެ ގާނޫނުގައި މިވަގުތު ބުނާ ގޮތުން މަނީ ލޯންޑަރިންގ ކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިފަރާތްތަކުން މިކަމުގައި ބައިވެރި ވަނީ އިނގިގެން ކަމުގައި ވިޔަސް ނުވަތަ ނޭނގި ކަމުގައި ވިޔަސް އެއީ މަނީ ލޯންޑަރިންގގެ ހަރަކާތްތެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ ނޭންގި ތިބެ ވެސް މިކަހަލަ ހަރަކާތް ތަކުގައި ބައިވެރި ނުވުމަށް އެދިވަޑައިގަންނަވާފައެވެ. ހުއްދަ ލިބިފައި ހުންނަ ތަންތަނުން އެމްއެމްއޭއިން ހުއްދަ ކުރާ ރޭޓުގައި އެކަން ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.