ތިލަމާލެ ބްރިޖް މަޝްރޫއުގެ 76.61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާ، ގެދޮރުވެރިކަމާއި، އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެ ވުޒާރާއިން އެކްސްގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިވަގުތު ސައިޓުގައި މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަނީ ބްރިޖު ޑެކަށް ބޭނުންވާ ސެގްމެންޓްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކަމަށެވެ.
ބްރިޖުގެ ޑެކަށް ބޭނުންވާ ޖުމްލަ 1،222 ސެގްމެންޓުގެ ތެރެއިން 95 އިންސައްތަ ސެގްމެންޓް މިހާރު ކާސްޓުކޮށް ނިމިފައިވާކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ އޭގެ ތެރެއިން 82 އިންސައްތަ ސެގްމެންޓް އިންސްޓޯލްކޮށް ނިންމާފައިވާ ކަމަށް އެވުޒާރާއިން ބުނެއެވެ.
މީގެ އިތުރުން، ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާއިރު، ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެންޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ.
އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މުޅި މި މަޝްރޫއަށް 500 މިލިޔަން ޑޮލަރު ހޭދަވާ އިރު އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. އަދި މި މަޝްރޫއަށް ދިވެހި ސަރުކާރުންވެސް ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މި މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގަ އެވެ.