މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ، (އެމް.ޑަބްލިޔު.އެސް.ސީ) އިން ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރ އަދި ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހުގެ އަތުން 900،000 ދިވެހި ރުފިޔާގެ އަގުހުރި ބޯޓެއް 17 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން މަޖިލިސް މެންބަރު ފަލާހުގެ އަތުން 900،000 ދިވެހި ރުފިޔާގެ އަގުހުރި ބޯޓެއް 17 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށާއި، އެ ބޯޓު މަރާމާތު ކުރުމަށް އިތުރު 1.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކެއް މި ފަހުން ސޯޝަލް މީޑިއާގައި ފެންމަތިވެފައިވާތީ އެކަމަށް ރައްދު ދެއްވާ ފަހުމީ އެކްސްގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ މުޅިން ދޮގު އަދި ރައްޔިތުން ހިތުގައި އެ ކުންފުންޏަށް އޮތް އިތުބާރު ގެއްލޭ ފަދަ ވާހަކަތަކެއް ކަމަށެވެ.

ފަހުމީ ވިދާޅުވީ، 2023 ވަނަ އަހަރުން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީ އިން އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމަކަށް ބޯޑުގެ ހުއްދަ ހޯދަން ހުށަހަޅާފައި ނުވާ އިރު، އެއްވެސް ފަރާތަކާއެކު އެފަދަ މަޝްވަރާއެއް ކޮށްފައިވެސް ނުވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި ދެކެވެމުންދިޔަ ވާހަކަތަކުގައި، ފަލާހުގެ އަތުން ދެވަނަ ބޯޓެއް ގަންނަން އުޅުމުން ބޯޑު މެންބަރަކު އިސްތިއުފާ ދީފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވާ އިރު ފަހުމީ ވަނީ، އެ މުއާމަލާތާ ގުޅިގެން ބޯޑު މެންބަރަކު އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކައަކީވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އޭނާ އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކަށްޓަކައި ކަމަށް ވިދާޅުވެފަ އެވެ.

ފަހުމީ ވިދާޅުވީ، މި ތުހުމަތުތަކަކީ ވަރަށް ސީރިއަސް ތުހުމަތުތަކަކަށް ވާތީ، އެކަށީގެންވާ ހެކި ނެތި މިއީ ހަގީގަތެއްގެ ގޮތުގައި ހާމަކޮށްގެން ނުވާނެ ކަމަށެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީ އަކީ އަބަދުވެސް ދެފުށް ފެންނަ، ޒިންމާދާރު އަދި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން މަސައްކަތްކުރާ ކުންފުންޏެއް ކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފަ އެވެ.

ފަލާހުގެ އަތުން 17 މިލިއަން ރުފިޔާއަށް ގަތް ކަމަށް ބުނާ އުޅަނދަކީ ލޭންޑިން ކްރާފްޓެކެވެ.